17 Nov 2014, 10:11
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނެރެލްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު މަގާމުން ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު އެ ޕާޓީގެ ކައުންސިލަށް ހުށައަޅައިފި އެވެ.
މޫސާ އަންވަރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ ސަމީރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި އެވެ. އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ސަމީރާ ގުޅޭ ގޮތުން ބަދުއަހުލާގީ މައްސަލަތެއް ހުރި ކަމަށާއި އަދި ޕާޓީގެ ސިއްރު ލިޔެކިއުންތައް ހުންނަ ތަންތަނަށް ޕާޓީގެ މުވައްޒަފުން ނޫން ގޮތް ނޭނގޭ މީހުން ވައްދަވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"ސަން" އާ ވާހަކަފުޅުދައްކަވަމުން ސަމީރު ވިދާޅުވީ ސަމީރު އަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ނުކުރެވޭ ނަމަ ކައުންސިލަށް މައްސަލަ ހުށައެޅުމަކުން މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަމަށް ފުރިހަމަ އަށް މަރުހަބާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ.
"އަޅުގަނޑަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ކަމަށް ބަޔަކަށް ގަބޫލުފުޅު ނުކުރެވޭ ކަމަށް ވަނީ ނަމަ ކައުންސިލަށް މައްސަލަ ހުށައެޅުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑު ހަމަމަރުހަބާ ކިޔަން އިނގޭތޯ އެކަމަށް،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ސިޓީގައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އަދި މޫސާ އަންވަރު އެ މައްސަލަ ހުށައަޅާފައި ވަނީ ޕާޓީގެ އެސިސްޓެންޓް މީޑިއާ އޮފިސަރުގެ މަގާމުގައި ހުރި ޒުވާނުންގެ ލީގުގެ މެމްބަރު ފަރުވާ ކުޑަވެގެން އޭނާގެ މުސާރައިން ކެނޑުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް "ސަން" އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޕާޓީގެ ސެކްޓްރީ ޖެނެރެލްގެ މަގާމުގައި މިވަގުތު ހުންނެވި ސަމީރު އާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މިދަނޑިވަޅަކީ މޫސާ އަންވަރަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ އެކަމާ ޕާޓީގެ ޒުވާނުންގެ ލީގުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއް ކަމަށެވެ.
"މިއީ ހަމަ ޒާތީ މައްސަލައެއް އިނގޭތޯ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިމައްސަލަ އަކީ ހަގީގަތާ ހިލާފު އަސްލެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އަލީ ސޯލިހް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރެލްގެ މަގާމަށް ސަމީރު އައްޔަން ކުރެއްވީ މި އަހަރުގެ މޭ މަހު އެވެ.