ޓެލްއަވީވް (ނޮވެމްބަރު 17): އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔުކްރޭންގެ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޕްލޭނެއް އިސްރާއީލުން ރާވާފައިވާ ކަމަށް އިސްރާއީލުގެ މަޝްހޫރު ނޫހެއް ކަމަށްވާ "މަޢާރީފް" ބުނެފި އެވެ.

އެނޫހުގެ މިދިޔަ ހޮނިހިރު ދުވަހުގެ އަދަދު ބުނާގޮތުން ޔުކްރޭންގެ ޔަހޫދީން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމުގެ ސިއްރު ޕްލޭން ކުރިޔަށްދަނީ އިސްރާއީލުގެ އިގްތިސާދާބެހޭ ވަޒީރު ނެފްތާލީ ބެނީތްގެ ބެއްލެވުމުގެ ދަށުންނެވެ. އިސްރާއީލުގެ "މަޢާރީފް" ނޫސް ބުނާގޮތުން ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގާ ހާލުގައިޖެހި ރެފިއުޖީންނަށް ވަމުންދާ ޔުކްރޭންގެ ޔަހޫދީން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމުގެ މަޝްރޫޢަކީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ސަރުކާރުން ވަރަށް އިސްކަންދީގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި އެގައުމުގެ ސަރުކާރު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާއިގާ ޙާލުގައިޖެހޭ ޔަހޫދީންނަށް ޔުކްރޭންގައި ހުންނަ އިސްރާއީލުގެ އެންބަސީން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާކަމަށް މިނޫސް ބުނެ އެވެ. މީގެ ތެރޭގައި ޔުކްރޭންގެ ސަރުކާރާ ގުޅިގެން އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އެއަށް ފަހު ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް އެމީހުން ގެނަސް ވަޒަންވެރިކުރުވުން ހިމެނޭކަމަށްވެ އެވެ.

ސާޅީސް ހަތަރު މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔުކްރޭންގައި ޔަހޫދީންގެ އަދަދަކީ އެންމެ 88 ހާހެވެ. ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގާ މީގެ ތެރެއިން ބައެއް ޔަހޫދީން ހާލުގައި ޖެހިފައިވާއިރު އެމީހުން އިސްރާއީލަށް ގެނަސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމަށް ބޭނުންވާ ފައިސާ ޔަހޫދީ މުއްސަނދި މަހުޖަނުންނާއި އެމެރިކާއާއި ޔޫރަޕްގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން އިސްރާއީލު ސަރުކާރަށް ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް މައާރީފް ނޫސް ބުނެ އެވެ.
1967 ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރީގެ ބިންތަކުގައި 1969 ން ފެށިގެން އިސްރާއީލު ގެންދަނީ ދުނިޔޭގެ އެކިގައުމުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި ވަޒަންވެރި ކުރުވަމުންނެވެ. މިހާތަނަށް އިސްރާއީލުން 800،000 އަށް ވުރެ ގިނަ ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަޒަންވެރިކުރުވައި އެތަންތަން އިސްރާއީލުގެ ޔަހޫދީ އަވަށްތަކުގެ ގޮތުގައި ޣައިރުގާނޫނީ ގޮތުން އިސްރާއީލުން ހަމަޖައްސާފައިވެ އެވެ. ނަމަވެސް މިމައްސަލާގައި އިސްރާއީލާދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގައި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފަ އެވެ. މިގޮތުން ހުޅަނގުގެ އައްސޭރީގެ 20 އިންއިންސައްތަ ބިމުގައި އިސްރާއީލުން މިހާރުވަނީ ޔަހޫދީން ވަޒަންވެރި ކުރުވައި ޔަހޫދީ އަބާދީތަކާއި އަވަށްތަކާއި ވިލެޖެތައް ބިނާކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގައި އިސްރާއީލުގެ ބޭނުމަކީ އެބިންތައް ދާއިމީ ގޮތަކަށް އަތްދަށުލައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދިނުމެވެ. (އަލްޖަޒީރާ)