17 Nov 2014, 09:17
ވޮޝިންޓަން (ނޮވެމްބަރު 17): އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕީޓާ ކަސިންޖްގެ ކަރުބުރިކޮށްލައިގެން އޭނާ މަރާލި ކަމަށްބުނެ އެޖަމާއުން ހާމަކޮށްފައިވާ ވީޑިޔޯއަކީ ހަގީގީ ވީޑިއޯ އެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ ވިދާޅުވީ އައިއެސްއިން އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ ވީޑިޔޯއަކީ ހަގީގީ ވީޑިއޯ އެއްކަން އެވީޑިޔޯ ތަހްލީލްކުރި އެމެރިކާގެ ފަންނީ މާހިރުން ސާބިތުކޮށްދޭ ކަމަށާއި އައިއެސްގެ މިއަމަލަކީ އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ އަމަލެއް ކަމުގަ އެވެ. އައިއެސް ޖަމާއަތުން ވަގަށް ނެގި ޕީޓަރ ކަސިންޖްއަކީ ސޫރިޔާގެ ރެފިއުޖީންނަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި މީހެއްކަމަށް ޚަބަރުތައް ބުނެ އެވެ. އައިއެސް ޖަމާއަތުން އިއްޔެ ޝާއިޢުކުރި ޕީޓަރ ކަސިންޖްގެ ކަރު ބުރިކޮށްލައިގެން އޭނާ މަރާލާތަން ދައްކައިދޭ ވީޑިޔޯގައި އެޖަމާއަތުން ވަނީ އެމެރިކާއިން އައިއެސްގެ އަމާޒުތަކަށް ޙަމަލާތައް ދިނުމުގައި ކުރިޔަށްދާ ނަމަ އެމެރިކާގެ އިތުރު ރައްޔިތުން އެމެރިކާގެ މަގުތަކުގައި ކަރުބުރިކޮށްލައިގެން މަރާނެކަމުގެ އިންޒާރު ދީފަ އެވެ.
ޕީޓަރ ކަސިންޖްގެ މައިން ބަފައިން ވަނީ އައިއެސްގެ މިޢަމަލާ މެދު ހިތާމަކުރާކަން ހާމަކޮށް އޭނާ ގަތުލުކުރިކަން ހާމަކޮށް އައިއެސް އިން އިއްޔެ ނެރުނު ވީޑިޔޯ ސައްޙަ ކަން ބެލުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ބުނެފަ އެވެ. އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ އިރާގުގެ އަލްއަންބާރު ސަރަހައްދުގެ އަންހެން ޑޮކްޓަރެއްގެ ކަރުބުރިކޮށްލައިގެން އޭނާ މަރާލާފައިވާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ޑެންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މިއަންހެން ޑޮކްޓަރުގެ ބޯބުރިކޮށްލައިގެން އޭނާ މަރާލީ އޭނާގެ ކްލިނިކްގައި ފިރިހެނަކަށް ދަތުގެ ފަރުވާ ދިނުމުގެ ސަބަބުން ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
އައިއެސް އިން އިއްޔެ ނެރުނު ވީޑިޔޯގައި 13 މީހެއްގެ ކަރުބުރިކުރާ މަންޒަރު ދައްކާފައިވެއެވެ. މީގެތެރެއިން ޕީޓަރ ކަސިންޖް ފިޔަވައި އަނެއް 12 މީހުންނަކީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ އައިއެސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ސީރިޔާ ސަރުކާރު ސިފައިންނެވެ. (ރޮއިޓާސް)