މިއަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެ ފަސް އިވެންޓެއްގައި ވާދަ ކުރާއިރު، އަދި މިހާތަނަށް ހުރިހާ އިވެންޓަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

ތައިލޭންޑްގެ ޕުކެޓްގައި މިހާރު ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖެއިން މިފަހަރު ބައިވެރިވެފައި ވަނީ ބާސްކެޓް، ވޮލީ، މެރަތަން ސްވިމިންގް، ބޮޑީ ބިލްޑިންގް އަދި ޖޫޖިޓްސޫ ގައެވެ.

ބާސްކެޓް އިވެންޓުގައި އިއްޔެ ރާއްޖެއިން ވަނީ ދެ މެޗެއް ކުޅެފައެވެ. އަފްގާނިސްތާނާއި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުން މި ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. މި އިވެންޓުގައި އާދީއްތަދުވަހު ގަތަރާ ދެކޮޅަށް ރާއްޖެ ކުޅުން މެޗު 21-5 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ގަތަރެވެ.

މުބާރާތުގެ ބީޗް ވޮލީބޯލް އިވެންޓުގައި ރާއްޖެ ދެ މެޗު ކުޅެފައި ވާއިރު، މި ދެ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ފިލިޕީންސްއާ ރާއްޖެ ބައްދަލުކުރި ފުރަތަމަ މެޗު ސީދާ ދެ ސެޓުން ފިލިޕީންސް ކާމިޔާބު ކޮށްފައި ވާއިރު، މި އިވެންޓުގައި އިންޑޮނޭޝިއާއާ ރާއްޖެ ބައްދަލުކުރި ދެވަނަ މެޗު އެ ޓީމުންވެސް ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.

މި މަހުގެ 12 ވަނަ ދުވަހު މުބާރާތުގެ ޖޫޖިޓްސޫ އިވެންޓުގައި ރާއްޖެ ވާދަކޮށްފައި ވާއިރު، ރާއްޖެއާ ދެކޮޅަށް ވާދަ ކުރި އަރަބް އެމިރޭޓްސް ވަނީ މި އިވެންޓް ކާމިޔާބު ކޮށްފައެވެ.

މުބާރާތުގެ ބާސްކެޓް އިވެންޓުގައި ހޯމަދުވަހު ރާއްޖެ ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މި ދެމެޗުގައި ރާއްޖެ ބައްދަލު ކުރަން ޖެހޭނީ އޮމާނާއި ތުރުކެމެނިސްތާނާ އެވެ. އަދި ބީޗް ވޮލީ އިވެންޓުގައިވެސް ހޯމަދުވަހު ރާއްޖެ ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މި އިވެންޓުގައި ރާއްޖެ ބައްދަލުކުރާނީ ޗައިނާގެ ހޮންކޮންގް އާއި ތުރުކެމެނިސްތާނާ އެވެ.

މުބާރާތުގެ ބޮޑީ ބިލްޑިންގް އިވެންޓުގައި ވެސް ރާއްޖެ ބައިވެރި ވެފައި ވާއިރު، މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 21 އަދި 22 ވަނަ ދުވަހުއެވެ.