މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާާހަގަކުރަން ޒުވާނުންތަކެއް އިންތިޒާމްކޮށްގެން މިރޭ މާލޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަށްވާ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

"އަންނަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލޭގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރަން ފަށާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް އަންނަ އަހަރު ނިންމޭތޯވެސް ބައްލަވާނެ ކަމަށާއި މިފަހަރު މިއީ ދާއިމީ ހައްލެއް ކަމަށާއި "މިއީ ކާނު ސާފުކުރުމެއް ނޫން،" ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު މަސައްކަތެއް އަދި ބޮޑު ހަރަދެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މާލޭގެ މަގުތައް ބެލެހެއްޓުން މިހާރު ވަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލޭގެ މަގުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި އަލުން ހެދުމަށް ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ މިހާރަކަށް އައިސް ދިމާވާ މައްސަލައެއް ނޫނެވެ. އެތައް ދުވަހެއް އެތައް އަހަރެއް ވެއްޖެ އެވެ. ކިރިޔާ ބޯކޮށް ވާރޭ ފޮދެއް ވެހޭއިރަށް އަމީނީމަގުގެ ބޮޑުބައެއްގައި ފެންބޮޑުވެ އެވެ. އަދި އޭގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި އިންތިހާއަށް ފެންބޮޑުވެ އެވެ.