04 Apr 2010, 15:10
19:00
މަގުމަތީގައި ހުރި އާންމު ފެން އިސްކުރު ބަރިތައް ނުހުޅުވައިފިނަމަ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވީ، ފެން އިސްކުރުބަރިތައް ބަންދުކުރި މައްސަލައިގައި މާލޭގެ އެތައް ސަތޭކަ ރައްޔިތުންނެއްގެ ޝަކުވާއާ ގުޅިގެން، އިސްކުރުބަރިތައް ހުޅުވައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން ޒިންމާދާރު ޖަވާބެއް ލިބިފައިނުވާ ކަމަށާއި، އެ އިސްކުރުބަރިތަކަކީ، ފަގީރު ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްކަމުން ރައްޔިތުންނަށް އެ ހައްގު ހޯދައިދިނުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ނިހާން އަދި ވިދާޅުވީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ، ކުއްލި މައްސަލައެއްގެ ގޮތުގައި ނުވަތަ ގަރާރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މަޖިލީހުން މީގެ ކުރިން ވެސް ފާސްކޮށްފައިވާ ގަރާރުތަކަށް ސަރުކާރުން ކިޔަމަންނުވާކަން ވެސް ނިހާނު ފާހަގަކުރެއްވި އެވެ. އަދި ގައުމީ ފެން ކުންފުނީގެ ހިއްސާ ބޭރުގެ ފަރާތަކަށް ސަރުކާރުން ވިއްކާލާފައި ވަނީ ރައްޔިތުންނަށް ގޯނާކުރުމަށް ކަމަށާއި، ފެން ކުންފުނީގެ ހިއްސާ އަލުން ދިވެހިންނަށް ހޯދައިދިނުމަށް ވެސް ނިހާނު ގޮވާލެއްވި އެވެ.
ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ، އެ ފެން އިސްކުރުތަކުން ބޭނުންކުރާ ފެނަށް އަހަރަކު 12 އާއި 14 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަރުކާރުން ހަރަދުކުރާ ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު ވިދާޅުވެފައިވާ ވިދާޅުވުމަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކަފުޅެއް ކަމަށެވެ. އަދި އެގޮތަށް ބޭނުންކުރާ ފެނަށް އެންމެ ބޮޑު އަދަދަކަށް ވެސް ދައްކަންޖެހޭނީ 3.5 މިލިޔަން ރުފިޔާ ކަމަށް ވެސް އުމަރު ވިދާޅުވި. އުމަރު އަދި ވިދާޅުވީ، އެ ފެން އިސްކުރުބަރިތަކަކީ، ވަރަށް އާދައިގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްދ ިނުމަށް ބަހައްޓައިފައިވާ އިސްކުރުތަކެއް ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކަށާއި، ހޮޓާހޮޓަލަށް އެ ފެންއިސްކުރުތަކުން ފެން ގެންދިއުމަކީ ކުށްވެރިކުރައްވާ ކަމެއް ކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި، ފެން އިސްކުރުތައް ބަންދުކުރުމުގެ ބަދަލުގައި މޮނިޓަރިން މެކެނިޒަމެއް ގާއިމްކުރެވިދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ފެންއިސްކުރުތައް ބަންދުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު އިއްޔެ ވިދާޅުވެފައި ވަނީ މާލޭގައި ހުންނަ ފެން އިސްކުރު ބަރިތައް ބަންދުކޮށްފައި ވާނީ މުނިސިޕަލްޓީން ވަރަށް ބޮޑު ސާވޭއެއް ކުރުމަށްފަހު ކަމަށެވެ. އަދި އެ އިސްކުރު ބަރިތައް އާންމުކޮށް ބޭނުން ކުރަމުންދަނީ ބިދޭސީންނާއި ކާރު ފަދަ އެއްޗެހި ދޮންނަން ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ލިބެން ހުންނާނެ ކަމަށާއި އިސްކުރު ބަރިތަކުން ފެން ކަނޑައިލައިގެން އާންމު ރައްޔިތެއްގެ ފަރާތުން އެއްވެސް ޝަކުވާއެއް އެފަރާތަށް މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.