ރާއްޖޭގައި ގޭންގުތަކެއް ނޫޅޭކަމަށް ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާގަކަ ކުރުމުގެ ގޮތުން ޒުވާނުންތަކެއް އިންތިޒާމްކޮށްގެން މިރޭ ބޭއްވި ހަފްލާއެއްގައި ނިހާން ވިދާޅުވީ، މަގު ކަންމަތީގައި ތިބޭ ޒުވާނުންނަކީ ގޭންގު ތަކޭ ނުކިޔޭނެ ކަމަށާއި ރާއްޖޭގައި ގޭންގުތަކެއް ނޫޅޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަކު ގޭންގެއް ނޫޅޭ. އަޅުގަނޑުމެންގެ ޒުވާނުންނަށް އެ ލަފްޒު ރައްދުކުރުމަށް އެއްވެސް ސިޔާސީ މީހަކު އެއްވެސް ސްޓޭޖެއްގައި ވާހަކަ ނުދައްކަވާ. އެއީ އަޅުގަނޑުމެން ގަބޫލް ކުރާ ކަމެއް ނޫން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ބައެއް ކަހަލަ ހާދިސާތައް ހައްދުން ނައްޓާފައި އެބަހުރި ކަމަށާއި ނަމަވެސް ޒުވާނުންނަށް ގޭންގޭ ކިޔާކަށް ޖާގައެއް ނުދޭނެ ކަމަށެވެ.

ނިހާން ވިދާޅުވީ، މި ސަރުކާރުގެ ކުރިއަށްއޮތް ދުވަސްތަކުގައިވެސް ޒުވާނުންނާއި ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތްތަކެއް ހިނގަމުންދާނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދިނުމަށް ޒުވާނުން މަސައްކަތް ކުރުމުން އެ ސަރުކާރުން ކަންތައް ކުރިގޮތަކީ "ކުއްޅަވަށްފަލު ރަނިން" ކަންތައް ކުރިގޮތް ކަމަށެވެ. އަދި އޭރު ވަޒީފާތަކާއި ފުރުސަތުތައް ލިބިގެންދިޔައީ ކޮއިލުގެ ތެރޭގައި އުޅުއްވި ޒުވާނުންނަށް އެކަނިކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުން ޒުވާނުން ބާކީ ނުކޮށް ޒުވާނުންނަށް ހިދުމަތްތައް ދޭނެ ކަމަށް ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރި ނުވާކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީޑިއާތަކުގައި ފާޅުގައި ވިދާޅުވަމުންދަނީ ދިވެހި ރާއްޖޭގައި ގޭންގު ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށެވެ.