17 Nov 2014, 00:19
މިސަރުކާރަށް އެއް އަހަރު ފުރިގެންދާއިރު މާލޭގައި ސިލްސިލާ ގޮތެއްގައި މީހުން މެރުމާއި، ވަޅި ހެރުމާއި، މާރާމާރީ ހިންގުން އިންތިހާއަށް މައްޗަށް ގޮސްފައިވީ ނަމަވެސް މި ސަރުކާރުން ގައުމަށް ވެރިވެފައިވާ ނާމާންކަމަށް ޙައްލެއް ހޯދައިދެވިފައި ނުވާކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ޕީޕީއެމްގެ ސަރުކާރަށް އެއް އަހަރު ފުރޭހިނދު ކޮންމެ ދުވަހަކީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ، ނާމާން ބިރުވެރި ޚަބަރު ފުލުފުލުން ލިބެމުންދާ ދުވަހަކަށް ވީ ނަމަވެސް، ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި، މިއަދު ބިލޮބޮންގ ސްކޫލު ތެރެއަށް ބަޔަކު ކަތިވަޅިއެއް ހިފައިގެން ވަދެ މާރާމާރީ ހިންގި ހާދިސާއަށް އިޝާރާތް ކޮށްފައި ވެއެވެ.
" މިގޮތުން މިއަދު މާރާމާރީ ހިންގަން އުޅުނު ބަޔަކު، ވީދާލާފައިވާ ގަމީހާއި އަދި ހަށިގަނޑުން ފެންނަންހުރި ލެޔާއެކު ތޫނު ހަތިޔާރު ހިފައިގެން ރޯމާ ދުވާލު ބިލަބޮންގ ހައި ސްކޫލަށް ވަދެ، އެ ސްކޫލުގެ ދަރިވަރުންނަށް ނާމާންކަން ކުރިމަތިކުރުވާފައިވާ ދަރަޖައަށް މިރާއްޖޭގެ ޙާލަތު ގޮސްފައިވާކަން ކަންބޮޑުވުމާއެކު މި ޕާޓީން ފާހަގަކުރަން،" އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނުތާ 100 ދުވަސް ވެފައިވާއިރު ފުލުހުންނަށް އޭނާ ހޯދިފައިނުވާ ކަމަށާއި ފުލުހުން އޭނާ ހޯދުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަން ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ކަންބޮޑުވުމާއި އެކު ފާހަގަކޮށްފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުން ފެށިގެން ހޯމް މިނިސްޓަރު ޢުމަރު ނަސީރާއި ފުލުހުންގެ ވެރިންނާ ހަމައަށް ވެސް އަޙްމަދު ރިޟުވާނުގެ މައްސަލާގައި ކުރައްވާފައިވަނީ ފުރައްސާރަކަމަށް މި ޕާޓީން ދެކެމެވެ. އަދި ޕީޕީއެމް ގެ ބޮޑު އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބެލުމަށް އިންކާރުކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ގިނަ ބައެއްގެ ކުރިމަތީގައި ތޫނު އެއްޗަކުން މަރުގެ ޙަމަލާއެއްދީ، ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައިވާއިރު، އެ މައްސަލާގައި ބަންދެއްގައިވާ މީހަކު ވެސް އަދި ދަޢުވާއެއް އުފުލިފައިވާ މީހަކުވެސް ނެތްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައި އެވެ.
ހަމައެއާއެކު ރާއްޖޭގެ މީޑިއާތަކަށް ދެމުންގެންދާ އިންޒާރުތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި އައްޑޫ ސިޓީ ގައި ބޭއްވި ބޮޑު ޖަލްސާގެ ތެރެއަށް ހަތިޔާރާއެކު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެގަނެ، އާންމުންނަށާއި އަދި ބައެއް ފުލުހުންނަށް ޙަމަލާދިނުމުން، ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު 24 ގަޑި އިރު ނުވަނީސް އެ އެންމެން ދޫކޮށްލާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި އޮތް ނާމާން ބިރުވެރި މާޙައުލު އަމާންތަނަކަށް ހެދުމަށް ސަރުކާރު ނުކުޅެދިފައިވާކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެޕާޓީ ފަހަތަށް ނުޖެހޭނެކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.