މާލޭގައި ޒުވާނުން ކުޅިވަރުތައް ކުޅުމަށް ސްޓޭޑިއަމް ސަރަހައްދުގައި ވަރަށް ބޮޑު މަޝްރޫއެއް ހިންގަވާނެކަމަށް ވިދާޅުވެ ދިވެހި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފި އެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާާހަގަކުރަން ޒުވާނުންތަކެއް އިންތިޒާމްކޮށްގެން މިރޭ މާލޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މައްޗަންގޯޅިއާއި މާފަންނު ސަރަހައްދު ނުވަތަ މިހާރުގެ ސްޓޭޑިއަމް ސަރަހައްދަކީ މިސަރުކާރުން ކުޅިވަރު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި މަސައްކަތް ފަށާފައިވާ ސަރަހައްދެއް ކަމަށެވެ.

"މުޅި މި ސަރަހައްދަކީ ޒުވާނުންގެ ކުޅިވަރު ސިޓީކަމަށް ބަދަލުކުރަން އަޅުގަނޑުމެން ބޭނުންވަނީ. މިއިން އުފެދިގެން މިދަނީ ވަރަށް ގިނަ ތާފު ދަނޑުތަކާއި ޒުވާނުން މިހާރު ކުޅޭ ހުރިހާ ކުޅިވަރު ކޯޓުތަކާއި މިފަދަ ކަންތައްތައް ހިމެނޭ ވަރަށް ބޮޑު ސަރަހައްދެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރަހަންޖެހޭ ކުރެހުންތައް ނިމި ފަންޑު ހޯދުމުގެ މަސައްކަތް ކުރުމުގެ މަރުހަލާއަށް ކަންކަން ގޮސްފައިވާ ކަމަށެވެ. ދާދި އަވަހަށް އެ މަސައްކަތް ފެށޭނެ މޭރުމަކުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ކުރިއަށްއޮތްތާނގައި މާލެ ސަރަހައްދުތައި ދެލައްކަ ފަންސާސް ހާސް މީހުން އުޅޭނެ ކަމަށް ބެލެވޭއިރު އެ އެންމެގެ ވެސް ކުޅިވަރު ސިޓީއަށް ވެގެންދާނީ އެ ސަރަހައްދު ކަމަށެވެ.

ޒުވާނުންނަކީ ކުށް ކުރެވުނު ނަމަވެސް އަލުން މުޖުތަމައުއަށް އައިސް ގައުމަށް ހިދުމަތްކޮށްދޭނެ ބައެއް ކަމަށާއި މި ސަރުކާރުން ޒުވާނުންގެ ތަރައްގީއާއި ޒުވާނުންނަކީ ކުށްތަކުން ދުރުވެފައިވާ ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން މިރޭ ޒުވާނުންނަށް ދެއްވި އެވެ.

ރައީސް ޔާމީންގެ އެއްއަހަރުގެ ވެރިކަމަށް އަލި އަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވޭތުވެދިޔަ ތަނުގައި މަސައްކަތްކުރަންޖެހުނީ ވަރަށް ގިނަ ކަންކަން ހަމަޔަކަށް އަޅުވަން ކަމަށެވެ. އެގޮތުން މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ބައިނަލްއަގުވާމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްވަރު ކޮމަންވެލްތުން ނެގި ފިޔަވަޅުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް ލޯނު ލިބުން ދަތިވިކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.