16 Nov 2014, 23:41
މިފަހަރުގެ އަންހެން ސާފް ޗެންޕިއަންޝިޕްގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީއަކީ މުޅި ދިވެހި ރާއްޖެ ފަހުރުވެރިވުން ހައްގު ކާމިޔާބިއެއްކަމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އިލްހާމް މިހެން ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެންޕިއަންޝިޕްގައި، ރާއްޖެ އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އަފްގާނިސްތާން އަތުން މޮޅު ވުމުންނެވެ.
"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެން އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން. އިރާދަ ކުރެއްވިއްޔާ މި މަސައްކަތުގެ ނަތީޖާ ފެންނަން މި ފަށަނީ. މީ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުން އަންހެން ޓީމަށް މަރުހަބާ ކިޔައި ހިތްވަރު ދޭންވީ ވަގުތު،" އިލްހާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބައެއް ފަހަރު ޓީމަށް ކުރިމަތިވާ ނާކާމިޔާބީއަކީ ޓީމުން ހިތްވަރު އެލުވާލާ ވަރުގެ ކަމެއް ނޫންކަމަށާއި، ސަޕޯޓަރުން ޓީމްގެ މަސައްކަތް ބަލައިގަނެ ޓީމަށް އިތުރަށް ހިއްވަރު ދޭން ޖެހޭ ކަމަށެވެ.
އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދޭން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ގައުމީ ޓީމް ވަނީ ތައިލޭންޑްގައި ޓްރެއިނިންގް ކޭމްޕް ތަކެއްވެސް މިދިޔަ މަހު ބާއްވާފައެވެ.