މާލޭގައި މިރޭ ބަޔަކުމީހުން ހިންގި މާރާމާރީއެެއްގައި ޒުވާނެއްގެ ބޮލަށާއި ބުރަކަށްޓަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ގ. މަހުމާގޭ ދެކުނު ގޯޅި ތެރޭގައި (ކަރާގޯޅި) ހިންގި މި މާރާމާރީގައި ޒަހަމުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

މަންޒަރު ދުށް މީހަކު 'ސަން'އަށް ކިޔައިދިން ގޮތުގައި މިރޭ 9:45 ކަންހާއިރު ތިން ވަރަކަށް މީހުންގެ ގްރޫޕަކުން އެ ގޯޅި ގަނޑުތެރެއަށް ވަދެ، އެ ޒުވާނާ ހިފެހެއްޓުމަށްފަހު، އޭގެ ތެރެއިން އެކަކު އެ ޒުވާނާގެ ބުރަކަށްޓަށާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނީއެވެ.

"ދެތިން މީހުންގެ ގްރޫޕެއް އައިސް އޭނާ ހިފެހެއްޓުމަށްފަހު އޭގެ ތެރެއިން އެކަކު ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ދިޔައީ. ފުލުހުން އައިސް އެ ޒުވާނާ ގެންދިޔައިރު ވެސް އޭނާގެ ބުރަކަށިންނާއި ބޮލުން ލޭފައިބަމުން ދިޔަ،" މަންޒަރު ދުށް މީހާ ސަންއަށް ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގ. މަހުމާގޭ ކައިރީ ގޯޅިގަނޑެއްގެ ތެރޭގައި ޒުވާނަކަށް "ދަގަނޑުބުރިއެއް ފާޑުގެ އެއްޗަކުން" ހަމަލާދީގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 9:50 ކަންހާއިރު ފުލުހުންނަށް ލިބުމުން، ފުލުހުން އެތަނަށް ގޮސް އެ ޒުވާނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށެވެ.

އެ ޒުވާނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވައެވެ. އަދި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިރޭ ޒުވާނަކަށް ހަމަލާދީ ޒަހަމު ކޮށްލާފައިވާ އިރު، މިއަދު މެންދުރުފަހު، ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ތެރޭގައި ގްރޫޕަކުން ހިންގި ހިންމާރާމާރީއެއްގައި ވެސް ޒުވާނެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވެ އެވެ. އަދި ފުލުހުން ވަނީ، އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.