16 Nov 2014, 21:59
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުމަށްފަހު އޭނާ ހޯދުމުގައި ފުލުހުންގެ އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް އޭނާގެ ބޭބެ މޫސާ ރިޟްވާން ބުނެފި އެވެ.

ރިޟްވާން ގެއްލުނުތާ މިހާރު 100 ދުވަސް ވެފައިވާއިރު އާއިލާއިން ޕޯސްޓަރުތައް އާ ކުރަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
ރިޟްވާން ގެއްލުނުތާ 100 ދުވަސް ވުމާ ގުޅިގެން މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ޕޯސްޓަރު ހަރުކުރުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެމުން މޫސާ ރިޟުވާން ބުނީ، ރިޟްވާން ހޯދުމަށް ފުލުހުން ތަހުގީގެއް ހިންގާ ކަމާ މެދު ސުވާލު އުފެދިފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ނޭނގެ ފުލުހުން އެއްގޮތަކަށްވެސް އެކަންތައް ތަހުގީގު ކުރާ ކަމެއްވެސް. އެހާ ހިސާބަށް އެކަމާ މެދު ޝައްކު އުފެދޭ މިހާރު. އެއްވެސް ކަހަލަ ޖަވާބެއް އަދި އެއްވެސް ކަހަލަ އެއްބާރުލުމެއް ލިބެމުން ނުދާތީ ހަމަ ހިޔެއް ނުވޭ މައްސަލަ ވެސް ބަލާ ހެނެއް،" އޭނާ ބުންޏެވެ.

ރިޟްވާން ގެއްލުނުތާ މިހާރު 100 ދުވަސް ވެފައިވާއިރު އާއިލާއިން ޕޯސްޓަރުތައް އާ ކުރަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
ރިޟްވާން ގެއްލުނުތާ މިއަދަށް 100 ދުވަސް ވެފައިވާއިރު ހޯމް މިނިސްޓްރީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރިޟްވާން ގެއްލުނީތޯ ނުވަތަ އަމިއްލަ އަށް ފިލީ ކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރިޟުވާން ހޯދުމަށްޓައި ކުރަންޖެހޭ ހުރިހާ ކަމެއް އެ އާއިލާއިން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް ރިޟުވާންގެ އާއިލާ އިން ބުނާއިރު ފުލުހުން ވަނީ އޭނާ ހޯދުމަށް މާލޭ ސިޓީ އާއި އަތޮޅުތަކުގެ އެތަކެއް ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި އޭނާ ހޯދުމަށް ކުރާ މަސައްކަތުގައި ބައެއް މީހުން ފުލުހުން ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އޭގެތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިހާރު ކޯޓުން ވަނީ ދޫކޮށްލާފައެވެ.