16 Nov 2014, 20:40
ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން އަނެއްކާވެސް އިތުރު ފުރުސަތެއް ދީފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަކީލަކު ހަމަޖައްސަން އެއް މަސް ދަވަހުގެ ފުރުސަތު ދިނުމަށްފަހު މިއަދު ޝަރީއަތުގެ މަޖިލީސް ބާއްވަން ތާވަލް ކުރިއިރުވެސް އެމީހުން ވަކީލަކު ހަމަޖައްސާފައެއް ނުވެއެވެ. އެހެންކަމުން ގާޒީ ވަނީ އިތުރު ފަސް ދުވަހުގެ ފުރުސަތެއް އެ މީހުންނަށް ދެއްވާފައެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާގެ މައްޗަށެވެ.
ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ، އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.
ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެއައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.