16 Nov 2014, 20:30
ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "25 ވަނަ އެސްޓީއޯ ނޫފަހި ގައުމީ ކެރަމް މުބާރާތް" އިއްޔެ ފަށައިފި އެވެ.
މިމަހުގެ ނިޔަލަށް މެޗުތަކުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުގެ މެޗުތަކެވެ. މި އިވެންޓުގައި ފިރެހެން ފަސް ޓީމަކުން ވާދަކުރާއިރު، އެ ޓީމްތަކަކީ ސްޕޯޓްސް ކްލަބް ފީނިކްސް އާއި ދިވެހި ސިފައިންގެ ކްލަބް، ބީއައި، ޔޫއެޗް އަދި އޯސަމް ކެރަމް ކްލަބެވެ.
މުބާރާތުގައި ސްޕޯޓްސް ކްލަބް ފީނިކްސް އާއި ޔޫއެޗް އަދި އޯސަމް ކެރަމް ކްލަބުން ވަނީ ކޮންމެ ޓީމަކުން މުޅިއެކު ދެ މެޗު ކުޅެ، ދެމެޗުގެ ތެރޭން އެއް މެޗު ކާމިޔާބު ކޮށްފައެވެ. އަދި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ތިން މެޗުގެ ތެރޭން ދެ މެޗު ކާމިޔާބު ކޮށްފައި ވާއިރު، ބީއައި ކުޅުން ތިން މެޗުގެ ތެރޭން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ.
މި އިވެންޓުގެ ގްރޫޕް ސްޓޭޖްގެ މެޗުތަކުގެ ކުޅުން މިއަދުވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، މި އިވެންޓުގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ޕްރިމިއާ ޑިވިޝަން ޓީމް އިވެންޓުގެ އިތުރުން މި މުބާރަތުގައި ޕްރިމިއާ ޑިވިޝަންގެ ފިރެހެން ޑަބަލްސް އާއި އަންހެން ޑަބަލްސް، އަދި މިކްސް ޑަބަލްސްގެ އިވެންޓްތަކާއި، ދެވަނަ ޑިވިޝަންގެ ފިރެހެން އަދި އަންހެން ސިންގަލްސް އިވެންޓުތައްވެސް ވަނީ ކުރިއަށް ގެންދަން ހަމަޖެހިފައެވެ.
މިއަހަރުގެ ގައުމީ ކެރަމް މުބާރާތުގައި ޖޫނިއާ ޑިވިޝަންގެ ސިންގަލްސް އިވެންޓް އަލަށް ތައާރަފް ކޮށްފައި ވާއިރު، މި އިވެންޓް ކުރިއަށް ގެންގޮސފައި ވަނީ ލީގް އުސޫލުންނެވެ. އަދި މި އިވެންޓުގެ ކުޅުން މިހާރު ނިމުމަކަށް އައިސްފާ ވާއިރު، ލީގުގެ ޗެންޕިއަންކަން ކަށަވަރު ކޮށްފައި ވަނީ ޚާތިމް ހަލީލު އެވެ. މި ލީގުގެ ދެވަނައާއި ތިންވަނަ މަގާމް ހާސިލް ކޮށްފައި ވަނީ މުހައްމަދު ބިލާލް އާއި އާދަމް ޝައިޢު އެވެ.
މިފަހަރުގެ މުބާރާތުގައި ޖޫނިއާ ލީގުގެ އެއްވަނަ އަންހެން ކުޅުންތެރިއާގެ މަޤާމު ކަށަވަރުކޮށްފައި ވަނީ އައިމިނަތު މިޝްފާ މުސްތަފާ އެވެ. އަދި ޖޫނިއާ ޑިވިޝަންގެ އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ކުޅުން މިހާރު ކުރިއަށްދާއިރު، މިއިވެންޓުގެ ފައިނަލް މެޗުތައް މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި، ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް ހޯދާފައި ވާއިރު، އަންހެން ސިންގަލްސް ޗެމްޕިއަކަން ހޯދާފައި ވަނީ އައިމިނަތު ނިފާޝާ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް އާއި ހުސެއިން އަލީ ހޯދާފައި ވާއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާން އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގެ މިކްސްޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވާނީ ޝާފީ މުހައްމަދާއި އައިމިނަތު ވިދާދް އެވެ. އަދި ފިރިހެން ޓީމް ޗެމްޕިއަންކަން ކުލަބް ގްރީން ސްޓްރީޓް ހޯދާފައި ވާއިރު، އަންހެން ޓީމް ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ޕީކޭ އެވެ.