ޔޫރޯ ކޮލިފައިންގެ މެޗުތަކުގެ ތެރޭން ރޭ ސްޕެއިން އާއި ބެލަރޫސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބު ކޮށްފި އެވެ.

ރަނގަޅު ފޯމެއްގައި މެޗު ފަށާފައިވާ ސްޕެއިން ވަނީ މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ ރީތި ކުޅުމެއް ދައްކައި، ރަނގަޅު ހަމަލާތަކެއް ބެލަރޫސްގެ ގޯލަށް އަމާޒު ކޮށްފައެވެ. ސްޕެއިން ޓީމުން ބެލަރޫސްގެ ޑިފެންސަށް ކުރި ޕްރެޝަރުގެ ނަތީޖާއަކަށްވީ، މެޗުގެ 18 ވަނަ މިނެޓުގައި ބެލަރޫސްގެ ޑިފެންސަށް ހެދުނު މިސްޓޭކްގެ ބޭނުންކޮށް ސްޕްއިނުން އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ 22 އަހަރުގެ ތަރި އިސްކޯ އެވެ. ބެލަރޫސްގެ ކަލަޗެވްއަށް ޕެންލްޓީ އޭރިއާ ތެރޭން ބޯޅަ ގެއްލުމުން، ސްޕެއިންގެ ކޮކޭ ވަގުތުކޮޅުގެ ބޭނުން ހިފައި ދިން ރީތި ޕާހަކުން ސްޕެއިން ވަނީ މެޗުގައި ފަސޭހަ ލީޑެއް ނަގާފައެވެ.

ބެލަރޫސް ޓީމް އިތުރަށް ޕްރެޝަރަށް ވެއްޓިގެން ދިޔައީ ސްޕެއިންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ އެއް މިނެޓު ތެރޭގައި އެ ޓީމުން މެޗުގައި ލީޑް ފުޅާކޮށްލުމުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ސްޕެއިން އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ބުސްކެޓްސް އެވެ. އޭނާ ސްޕެއިނަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް ލިބުން ހިލޭ ޖެހުމަކުންނެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ފެނިގެން ގޮސްފައި ވަނީ ސްޕެއިނަށް ލިބުނު ލީޑާއެކު، އެ ޓީމުން ވަރަށް ހަމަޖެހިލައިން ކުޅުން ކުރިއަށް ގެންދިޔަ ތަނެވެ.

ސްޕެއިން ޓީމުން ދެވަނަ ހާފް ފައްޓާފައި ވަނީ ބަދަލަކާ އެކީ އެވެ. މި ބަދަލާއެކީ ބެލަރޫސްއަށް ޕްރެޝަރު އިތުރުވެގެން ދިޔައިރު، އެ ޓީމް ފެނިގެން ދިޔައީ ހަމަލާއެއް އުފައްދަން މަސައްކަތް ނުކޮށް، ޑިފެންސް ކުރަމުން ގެންދިޔަ ތަނެވެ. ބެލަރޫސް ފަހަތަށް ފައިބައި ތިބެ ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ 55 ވަނަ މިނެޓުގައި ސްޕެއިން އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޕެޑްރޯ އެވެ.

މި ހާފްގެ މެދެއްހާ ހިސާބުގައި ބެލަރޫސް ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައި ވާއިރު، ހާފްގެ ގިނަ ވަގުތު އެ ޓީމުން ކުޅެފައި ވަނީ ވަރަށް ސްޕީޑް ދަށް ކުޅުމެކެވެ. މެޗުގެ ފަހު ވަގުތުކޮޅުވެސް ސްޕެއިނުން ބެލަރޫސްގެ ގޯލް ދަނޑި ގުޑުވާލާފައި ވެއެވެ. ނަމަވެސް އެ ޓީމަށް ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މި ދެ ޓީމުން މީގެ ކުރިން ބައްދަލު ކޮށްފައި ވަނީ އެންމެ ދެ ފަހަރު އެވެ. ފުރަތަމަ މެޗުގައި ސްޕެއިން ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ. މި ދެ ޓީމް ބައްދަލު ކުރި ދެވަނަ މެޗުގައި ސްޕެއިނަށް ލަނޑެއް ކާމިޔާބު ކުރަން ދަތިވެފައި ވާއިރު، މި ދެ މެޗުވެސް ކާމިޔާބު ކޮށްފައި ވަނީ ސްޕެއިން އެވެ.

މިރޭގެ ނަތީޖާއާއެކު އީސީ ކޮލިފިކޭޝަން ގައި ސްޕެއިން ވަނީ މުޅިއެކު 9 ޕޮއިންޓާއެކު ގްރޫޕް 'ސީ' ގެ ތާވަލްގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. ސްޕެއިންއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ޔޫކްރެއިން އޮތީ ތާވަލްގެ ތިން ވަނައިގަ އެވެ. އަދި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ މުޅިއެކު 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ ސްލޮވޭކިއާ އެވެ.