16 Nov 2014, 20:06
ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ހައިކޯޓުން ބާތިލްކޮށްފި އެވެ.
ހައިކޯޓުން އެ މާއްދާ ބާތިލްކޮށްފައި ވަނީ މއ. ބްލޫގްރާސް އަހްމަދު މުރާދު އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމަށްފަހު އެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ، ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަކީ ގާނޫނު އަސާސީގެ 271 ވަނަ މާއްދާއިން ބާރު ލިބިފައިނުވާ، މިހާރު އަމަލުކުރަމުންދާ ބިމާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު ބާތިލް މާއްދާއެއް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާ ބެހޭ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ވަނީ، އަމިއްލަ ގޯތި ވިއްކުމުގައި ނަގަންޖެހޭ ޓެކްސް ނެގުމުގައި ބަލާނީ އެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަނަމަ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށް ބަލައި ޓެކްސް ކުރަންވާނެ ކަމަށެވެ. އަދި ވިއްކި އަގު ކަމަށް ހުށަހަޅަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ކަމަށްވާނަމަ ޓެކްސް ކުރާނީ އެ ހުށަހެޅި އަގަށް ބަލައިގެން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ވަނީ އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޓެކްސް ނެގުމަށް ބަލާނެ އެންމެ ދަށް އަގު އެ މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީން ކަނޑައަޅައި އިއުލާން ކުރަންވާނެ ކަމަށެވެ. އަދި މި އަގަށް ގެންނަން ފެންނަ ބަދަލު، އެ މާއްދާގެ (ހ) ގައި ބުނެފައިވާ ކޮމެޓީން ކަނޑައަޅާ ގޮތުގެމަތިން ގެންނަންވާނެ ކަމަށް ވެސް އެމާއްދާގައި ވެއެވެ.