މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގަމުން އަންނަ ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގަން ބޭނުން ތަނެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގައި ހިމެނޭ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓީވީއެމް ހިންގަމުން އަންނަ ގޮތަށް ފާޑު ވިދާޅުވެ މެމްބަރު ސަލީމް ވިދާޅުވީ، ޓީވީއެމް ހިންގުމަށް މިހާރު ދިނުމަށް ނިންމާފައިވާ ބަޖެޓު "ދީގެންނުވާނެ" ކަމަށާއި ރާއްޖޭގެ އެހެން މީޑިއާތަކާއި ޓީވީތައް ހިންގަމުން ދަނީ ކުޑަހަރަދަކުން ކަމަށެވެ. އަދި ޓީވީއެމްއަކީ ދައުލަތުން މިހާ ބޮޑު ހަރަދެއްކޮށްގެން ހިންގާވަރުގެ މީޑީއާއެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓީވީއެމް ހިންގަން ދޭންވީ 100 މިލިއަން 200 މިލިއަން ރުފިޔާ، ކީއްވެގެންތޯ؟ 500 މުވައްޒަފުން ބައިތިއްބައިގެން ތިން ޕްރޮގްރާމް މި ފޮނުވަނީ. ދުވާލަކު އާ ޕްރޮގުރާމެއް ފޮނުވަނީއެއް ނޫން. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން ޓީވީއެމަށް މިހާ ބޮޑު އަދަދެއް ދޭންވީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ޓީވީއެމްއަށް ލިބޭ އިސްތިހާރުން އެ ޓީވީ ޗެނަލް ހިންގެންޖެހޭނެކަމަށާއި އެމްބީސީ ބަޖެޓުން މަދުކޮށް އެހެން މިނިވަން މުއައްސަސާތަކަށް ބަޖެޓު ދިނުމަށް އޭނާ ހުށައަޅާ ކަމަށެވެ.

ސަލީމް ދެއްކެވި ވާހަކަފުޅާ ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓީވީއެމް ހިންގާ އެމްބީސީގެ މީޑިއާ އޮފިޝަލް އަބްދުﷲ ރަމީޒު ވިދާޅުވީ، އެމްބީސީގައި 500 މުވައްޒަފުން ނުތިބޭނެ ކަމަށާއި އެ މީޑިއާއިން އިސްތިހާރު ކުރުން ގާނޫނަކުން ލިމިޓް ކޮށްފައިވާ ކަމަށެވެ. އެ ލިމިޓާއެކު އިސްތިހާރުން ލިބޭ އާމްދަނީއަކުން ޓީވީއެމް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުލަތުގެ އެހީއަށް އެދެނީވެސް ގާނޫނުގެ ދަށުން. އިސްތިހާރު ކުރަނީވެސް ގާނޫނުގެ ދަށުން، އަދި ރައްޔިތުންނަށް ހިދުމަތް ދެނީވެސް ގާނޫނުގެ ދަށުން" ރަމީޒު ވިދާޅުވި އެވެ.

ޓީވީއެމްއާއި ދިވެހި ރާއްޖޭގެ އަޑުވެސް ހިންގާ އެމްބީސީއަށް މިއަންނަ އަހަރަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ 74.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކޯޕަރޭޝަނުން އެދުނު ބަޖެޓަކީ 139 މިލިއަން ރުފިޔާ އެވެ.