އިމްތިހާންތަކުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ އަދި ރާއްޖޭގެ އެންމެ މަޝްހޫރު އަމިއްލަ ސްކޫލު ކަމަށްވާ މަދަރުސަތުލް އަހުމަދިއްޔާ، އަންނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން" އަށް ވިދާޅުވީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީފައިވާތީ، އިންޓަނޭޝަނަލް މިންގަނޑަށް ސްކޫލް ފެއްތުމަށްޓަކައި ސްކޫލު މަރާމާތުކޮށް އިދާރީ ގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު އެ ސްކޫލުގައި ކިޔަވައިދޭން ފަށާނީ "އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު"ގެ ނަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަދަލާއެކު ސްކޫލުގެ މޮޓޯ އާއި ބެޖާއި ޔުނީފޯމް ގެ އިތުރުން ދަރިވަރުން ކިޔަވާ ވަގުތަށް ވެސް ބަދަލު އަންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަހުމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ކުރި ނަމަވެސް ސްކޫލުގެ ފީ އަށް ގެންނަން ނިންމާފައި ވަނީ ކުޑަ ބަދަލެއް ކަމަށެވެ. ސްކޫލުގެ ފީއަށް އެންމެ ގިނަވެގެން ވެސް އިތުރުކުރަން ނިންމާފައިވަނީ 200 ރުފިޔާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

"ޕްރީ ސްކޫލު ކުދިންގެ ފީއަށް އިތުރު ކުރާނީ 100 ރުފިޔާ. ނާސަރީ ގްރޭޑްތަކަށާއި ސެކަންޑްރީ ގްރޭޑްތަކުގެ ފީއަށް އިތުރު ކުރާނީ 200 ރުފިޔާ. ނަމަވެސް ހަޔާ ސެކަންޑަރީގެ ފީއަކަށް ބަދަލެއް އަޅުނގަޑުމެން ނުގެންނާނަން،" އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ތިން ލެވެލްއަކަށް ކިޔަވައި ދެމުންދާ އަހުމަދިއްޔާގައި މިހާރު ޕްރީ ސްކޫލު ކުއްޖެއްގެ އަތުން ނަގަނީ 250 ރުފިޔާ އެވެ. އަދި ނާސަރީ ކުއްޖެއްގެ އަތުން 300 ރުފިޔާ ނަގާއިރު، ސެކަންޑަރީ ދަރިވަރުންގެ ފީއަކީ 800 ރުފިޔާ އެވެ.

ރަޝީދު ވިދާޅުވީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ކުރި ނަމަވެސް ކިޔަވައި ދޭނީ ގައުމީ މަންހަޖަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޑިމާންޑް އޮންނަ ބައެއް ބޭރުގެ ބަސްތަކާއި ބީޓެކް އަދި ހޯމް ސައިންސް ފަދަ މުހިއްމު މާއްދާތަކެއް ވަކިން ކިޔަވައިދޭން ފަށާނެ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

"ބޭރު ބަސްތަކުގެ ގޮތުގައި އަރަބި ބަހާއި ޗައިނާ ނުވަތަ ޖަޕަނީސް ބަސް އަޅުނގަޑުމެން އަންނަ އަހަރުން ފެށިގެން ކިޔަވައިދޭނެ. އަދި މަސައްކަތްތެރިކަމުގެ ކަންތައްތަކާއި ކުޅިވަރާއި އިތުރު ހަރަކާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަންލް ސްކޫލަކަށް އަހުމަދިއްޔާ ބަދަލުވެގެންދާއިރު ސްކޫލުގެ ކްލާސްރޫމްތަކުގައި ޒަމާނީ ވަސީލަތްތައް ގާއިމްކޮށް ދަރިވަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކުރާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރަށް ސްކޫލަށް ޓީޗަރުން ހޯދުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރަމުންދާ ކަމަށާއި އެގޮތުން މި ސަރަހައްދުން ބޭރުގެ ބައެއް ޓީޗަރުން ވެސް އަންނަ އަހަރު ސްކޫލާ ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލޫމީ ދާއިރާގައި 1982 ވަނަ އަހަރުން ފެށިގެން ހަރަކާތްރެރިވާން ފަށާފައިވާ އަހުމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވެގެންދާއިރު، މިހާރު ވެސް މާލެ އާއި ހުޅުމާލޭގައި އިންޓަނޭޝަނަލް ހަތަރު ސްކޫލް ހިންގަމުންދެ އެވެ.