16 Nov 2014, 17:31
ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން މިހާތަނަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންގެ ވަޒީފާއިން ވަކިކުރުމަށްފަހު އަލުން އެ މީހަކު ސިފައިންގެ ވަޒީފާ ދިނުމަކީ މި ސަރުކާރުން ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ. އަދި ސިފައިންގެ ވަޒީފާ އިން މީހަކު ވަކިކުރަނީ އެމީހާއާ ދެކޮޅަށް އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދަށު ކޯޓުގެ ނިންމުމަކީ އަދި އަޅުގަނޑުމެން އެކަމާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން، އަޅުގަނޑުމެން އެ މައްސަލަ ހައިކޯޓަށް ގެންދާނަން އަދި ސުޕްރީމް ކޯޓަށް ވެސް ގެންދާނަން، ސުޕްރީމް ކޯޓާއި ހަމައިން އެ މައްސަލަގައި ގޮތެއް ނިންމައިގެން މެނުވީ އެމީހާއަށް ސިފައިންގެ ވަޒީފާ އަށް އިޔާދަ ކުރެވޭނެ ގޮތެއް ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައަށް ފުރުސަތެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ސިފައިންގެ ގާނޫނާއި ހިލާފުވާނަމަ ސިފައިންގެ ގާނޫނުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފު ވެފައިވާތީ ކަމަށް ބުނެ މިދިޔަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ތެރެއިން ދެ މީހަކަށް އަލުން ސިފައިންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން މިހާތަނަށް ވަނީ ހުކުމްކޮށްފަ އެވެ.