ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މޮޅުވެ ފައިނަލްގެ ފަހު ޖާގަ ޅޮހީ ޒުވާނުންގެ ކްލަބު ހޯދައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ އިއްޔެ ކުޅުން މެޗުން ޅޮހީ ޓީމު ފައިނަލަށް ގޮސްފައި ވަނީ މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އާއި ބައްދަލުކޮށް 0-1 ލަނޑުންނެވެ. މުޅި މެޗުގެ ހަމައެކަނި ގޯލު ޖަހާފައި ވަނީ ޅޮހީ ޓީމު މުހައްމަދު އިބްރާހީމެވެ.

ހޮޅުދޫ ދަނޑުގައި ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ މަނަދޫ ޒުވާނުންގެ ގުޅުމެވެ. ހޮޅުދޫ ބޭސް އާ ބައްދަލު ކުރި އެ މެޗުން މަނަދޫ މޮޅުވެފައި ވަނީ 1-2 ލަނޑުންނެވެ.

މަނަދޫ އާއި ޅޮހީ ބައްދަލު ކުރާ ފައިނަލް ކުޅޭނީ މާދަމާ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހަ ޓީމަކުން ބައިވެރި ވެފައިވާއިރު ގްރޫޕް 'އޭ' ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބެވެ.