އަންނަ އަހަރަށް މަޖިލީހަށް ހުށައަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުން މިނިވަން މުއައްސަސާތަކަށް ދިނުމަށް ނިންމާފައިވާ ބަޖެޓާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު އާއި ބައެއް މިނިވަން މުއައްސަސާތައް ބަޖެޓު ކޮމެޓީއަށް ހަޒިރުކުރުމަށް ފާސްކޮށްފި އެވެ.

ބަޖެޓު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ގޮތަށް ނިންމީ ކޮމެޓީގެ އިއްތިފާގުންނެވެ. ކޮމެޓީއަށް ހާޒިރު ކުރާނެ މިނިވަން މުއައްސަސާތަކެއް ކޮމެޓީއަކުން ނުނިންމަ އެވެ.

މިނިވަން މުއައްސަސާތަކުން ޖުމުލަ ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދުނު ނަމަވެސް ފިނޭންސް މިނިސްޓްރީން އެ މުއައްސަސާތަކަށް ދޭނެ ކަމަށް ނިންމާފައިވާ ބަޖެޓަކީ އެއް ބިލިއަން ރުފިޔާ އެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އަންނަ އަހަރު ދޭން މިހާރު ނިންމާފައިވާ ބަޖެޓަކީ މިހާރު އެ މުއައްސަސާތަކަށް ދިފައިވާ ބަޖެޓަށްވުރެ ބޮޑު ބަޖެޓުތަކަކަށްވާއިރު އެ ބަޖެޓު ކުޑަކަމަށް ބުނާތީ ކަންބޮޑުވާ ކަމަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓު މިހާރުވެސް ބޮޑުކަމަށާއި ބަޖެޓަށް އިތުރު ބަދަލެއް ގެންނަންޖެހޭނަމަ ގެންނަންޖެހޭނީ ފިނޭންސް މިނިސްޓަރާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބަޖެޓު ނުލިބި އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނާނަމަ ބަޖެޓުގެ ކޮންމެ ވެސް ދާއިރާއަކުން މަދުކޮށްގެން ނަމަވެސް މިނިވަން މުއައްސަސާތަކަށް ދޭންޖެހެ ކަމަށެވެ.

"މިތަންތަނުގެ މަސްއޫލިއްޔަތު އަދާކުރެވޭގޮތަށް މިތަންތަނަށް އެކަށީގެންވާ ބަޖެޓެއް ދިނުމަކީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައެޅިގެންދާއިރު އަޅުގަނޑުމެން ގަބޫލް ކުރަންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ ބަޖެޓަށް މާ ބޮޑު ބަދަލުތަކެއް ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.