28 Jan 2011, 20:08
ރާއްޖޭގައި މި މަހު ގުރުނެގި ބޮޑު ދެ ޕްރޮމޯޝަނެއްގެ ނަސީބުވެރިންނަށް ބިދޭސީން ހޮވިއްޖެ އެވެ.
މާލޭ ޕިކަޕާއި އެލިއާ އިންވެސްޓްމަންޓު ގުޅިގެން މިދިއަ އަހަރު ހިންގި ޕްރޮމޯޝަންގެ ގުރުއަތުލުން މިމަހު އެއްވަނަ ދުވަހު ނެގި އިރު، އެ ޕްރޮމޯޝަންގެ ތިންވަނައަށް ހޮވިފައިވަނީ ރާނބާ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބަންގާޅުގެ މައުމޫން މިޔާ އެވެ. އެ ޕްރޮމޯޝަންގައި އަގު ބޮޑު ކޮމްޕިއުޓަރު ސިސްޓަމް ގެންދިޔައީ ބަންގާޅަށެވެ.
މި މަހުގެ 20 ވަނަ ދުވަހު މަޝްހޫރު "ތްރީ ޗޮއިސް" އިން ބޭއްވި "ލަކީ ސެވަން ޕްރޮމޯޝަން" ގެ ހަތް ވަނަ ނަސީބު ވެރިއަކަށް ހޮވުނީ ވެސް ބަންގާޅީއެކެވެ. ވިލާ ޓްރޭޑާސްގައި މަސައްކަތް ކުރާ، މިއާ ރޮބޮލްއަށް ޕްރޮމޯޝަންގެ އިނާމްތަކުގެ ތެރޭގައި ހިމެނުނު އަގު ބޮޑު ހޯމް ތިއޭޓާ ސިސްޓަމް ލިބުނެވެ.
މި ދެ ޕްރޮމޯޝަންގައި ބަންގާޅުގެ ދެ މީހުންނަވެސް ލިބިފައިވަނީ ޕްރޮމޯޝަންގެ އެންމެ ފަހު ވަނަ ނުވަތަ "ފަހަތުން އެއްވަނަ" އެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި އަދި ބިދޭސީން އެތެރެވާ ނިސްބަތަށާއި ޕްރޮމޯޝަންތަކަށް ބިދޭސީން ޝައުގުވެރިވާ މިންވަރަށް ބަލާއިރު ބޮޑެ އިނާމްތައް ހިމެނޭ ޕްރޮމޯޝަންތައް ދެން ބިދޭސީން ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރާއްޖޭގައި 80،000 ހާހާ ގާތް ކުރާ އަދަދަކަށް ބިދޭސީން އުޅެ އެވެ. އެމީހުންގެ ސަބަބުން ސިޔާސީ، އިގްތިސާދީ އަދި ދީނީ ގޮތުން ބޮޑުވެގެންވާ ނުރަކަލެއް އަތުވެދާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފަ އެވެ.