ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުން ޚުލާސާ ބަޔާން ހުށަހެޅުމެވެ. އެގޮތުން ދައުވާ ލިބޭ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުއްވީ އެމީހުންގެ ވަކީލެވެ. ދައުވާ ލިބޭ އެރަށު ޅޮހީގޭ މުހައްމަދު ލަތީފް ވަކީލަކު އައްޔަން ކޮށްފައިނުވެ އެވެ. އޭނާ ހުށަހަޅާފައި ވަނީ ކުރު ބަޔާނެކެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ނުއުމާންގެ ވަކީލު ވިދާޅުވީ ހުސޭނުބޭގެ ގެއިން ވައްކަން ކޮށްފައިވާތީ ކަމަށް ބުނެ ވައްކަން ކުރުމުގެ ކުށުގެ ދައުވާ ނުއުމާންގެ މައްޗަށް ކުރިނަމަވެސް އެފަދަ އަމަލެއް އޭނާ ހިންގި މަންޒަރު އެއްވެސް މީހަކަށް ފެނިފައިނުވާ ކަމަށެވެ. އަދި އިތުރު ބަޔަކާ ބައިވެރިވެގެން ހުސޭނުބޭ ރަހީނުކޮށްފައި ވާތީ ކަމަށް ބުނެ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިކަމުގައި ވިޔަސް އެފަދަ އަމަލެއް އޭނާ ހިންގި މަންޒަރު ފެނުނު ބައެއް ނެތް ކަމަށް ވެސް ނުއުމާންގެ ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ތަހުގީގުގައި ނަގާފައިވާ ވީޑިއޯތަކަށް ބަލާ އިރު، ތަހުގީގު ފެށުމުގެ ކުރިން ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭންޖެހޭނެ ކަމަށް ގަނޫނު އަސާސީގައި ބުނާ ހައްގުތައް ނުއުމާނަށް ލިބިދީފައިނުވާ ކަމަށެވެ. އަދި ފުލުހުން އޭނަ އަށް މަޖުބޫރުކޮށް ބިރުދައްކާފައިވާކަން ދައުލަތުން ހުށަހެޅި ވީޑިއޯ ފްޓޭޖުން އެނގެން އޮންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އަހްމަދު އިބްރާހީމްގެ ވަކީލު ވިދާޅުވީ ހުސޭނުބެ މަރުވާންދިމާވި ސަބަބު މެޑިކަލް އެވިޑެންސަކުން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ވީޑިއޯ ފްޓޭޖަށް ބެލިއިރު އަހްމަދު އިބްރާހީމަށް ފުލުހުން ބިރުދައްކާފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން މުހައްމަދު ލަތީފް ބުނީ އެއީ ގާނޫނީ ގޮތުން އެއްވެސް ހައްގެއް ލިބިދީފައިނުވާ މައްސަލައެއް ކަމަށެވެ. އޭގެ އިތުރުން އެއްވެސް ވާހަކައެއް އޭނާ ދައްކާފައެއް ނުވެ އެވެ.

ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން މުހައްމަދު ލަތީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ހުސޭނުބޭ ރަހީނު ކުރުމަށް އެހީތެރިވެދީފައިވާތީ ކަމަށެވެ. އަދި ތަހުގީގުގައި އެ ތިން މީހުން ކިޔައިދީފައިވާ ވާހަކަތަކަށް ބަލާ އިރު، ކުށުގެ އަމަލު ހިންގަން އެމީހުން ދުރާލާ ރާވާފައިވާކަން އެނގޭ ކަމަށެވެ.

ހުސޭނުބޭ ރަހީނުކުރުމަށް ދެ ފަހަރެއްގެމަތިން އުޅެ ނާކާމިޔާބުވެފައިވާ ކަމަށާއި އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުރި ގަހެއްގެ ކައިރީގައި އާންމުކޮށް މީހުން އެއްވެއުޅޭތީ އެކަން ކުރުމަށް ދަތިތަކާ ކުރުމަތިލާންޖެހިފައިވާ ކަމަށް ތަހުގީގުގައި އެމީހުން ކިޔައިދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އެ ގަސް ކައިރީގައި މީހުން އުޅޭތީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ގަސް ކަނޑާލާފައިވާ ކަމަށް އެމީހުން ތަހުގީގުގައި ކިޔައިދީފައިވާ އިރު، އެއީ ތެދެއްކަން ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ހުސޭނުބޭ ދިރިއުޅޭ ގެއިން ވަގަށް ނެގި ފައިސާ ވަކިތަނެއްގައި ފޮރުވާފައި ހުންނާނެ ކަމަށް އެމީހުން ތަހުގީގުގައި ކިޔައިދިނުމުން އެމީހުން ބުނާ ތަންތަން ކޮނެގެން ބެލި އިރު އެ ފައިސާ ފެނިފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގުގައި އެމީހުން ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު އެ މައުލޫމާތުތަކަކީ ކުށުގެ އަމަލުގައި ބައިވެރިވި ބަޔަކަށް ނޫނީ އެނގޭނެ މައުލޫމާތުތަކެއް ނޫންކަމަށެވެ.

ހުސޭނުބޭ މަރުވެފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ އޭނާ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް ލުމުން ނޭވާ ހާސްވެގެން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.