16 Nov 2014, 16:08
ވޮލަންޓްރީ ޑިޕާޗާ ޕްރޮގްރާމްގެ ދަށުންނާއި ގަވާއިދާ ހިލާފުވެގެން މި އަަހަރު 7962 މީހަކު ރާއްޖެ އިން ފޮނުވާލާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ މުއައްސަަސަތަކުން މި އަހަރު ކޮށްފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކޯސްްޓްގާޑު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މި އަހަރުގެ މިހާތަނަށް ވޮލަންޓްރީ ޑިޕާޗާ ޕްރޮގްރާމްގެ ދަށުން 6590 ބިދޭސީން ފުރުވާލާފައިވާ އިރު ވަޒީފާ އަދާކުރުމަށް ސިއްހަތު ތަން ނުދީގެން 69 ބިދޭސީ އަކު ފޮނުވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެހެނިހެން މައްސަލަތުގައި 896 މީހަކު ވަނީ ފުރުވާލައިފަ އެވެ. އޭގެ ތެތޭގައި އެކިއެކި މައްސަލަތަކުގައި ޑީޕޯޓްކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން ގެންދާ މަސައްކަތުގައި މިވަގުތު ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް ބިދޭސީން ފޮރުވައިގެން ގެންގުޅޭ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
"ވޭތުވެ ދިޔަ ސަރުކާރުގައި މިކަން ކޮށްފައިވާ ގޮތުން މިކަން ކުރުމުގައި ދަތިތަކާ ކުރިމަތިވެފައި މިވަނީ، ބިދޭސީންގެ ޑެޕޮސިޓްގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާތައް މިވަނީ އެކިއެކި ކަންކަމުގައި ބޭނުންކޮށް ހުސްކޮށްލާފައި. އެހެން ކަމުން މިފައިސާ މިޖެހެނީ ދައުލަތުގެ ބަޖެޓުން ހޯދަން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ ޒިންމާއަކީ ހަމަ އެކަނި ސަރުކާރުގެ ޒިންމާއެއް ނޫން. ކައުންސިލްތަކާއި ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅިގެން ނުކުމެއްޖެ ކަމުގައިވާ ނަމަ މިކަން ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅުމާ ގުޅިގެން 122 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 21 ރެއިޑް އޮޕަރޭޝަން ހިންގިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ އައްޑޫ ސިޓީ، ލ. އަތޮޅު، ހދ. އަތޮޅު، ކ. އަތޮޅު އަދި އއ. އަތޮޅުގަ އެވެ.

ގާވާއިދާ ހިލާފަށް އުޅުމުގެ ސަބަބުންނާއި އަމިއްލަ އަށް ވޮލަންޓިއާކޮށް ރާއްޖެ އިން ފުރި މީހުންގެ ސަބަބުން އަހަރެއްގެ މައްޗަށް 24 މިލިއަން ޑޮލަރު އިގުތިސާދުގައި ހިފެހެއްްޓިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އަށް ގަވާއިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރި 1172 މީހަކު ވަނީ ރާއްޖެ އަށް އެތެރެ ވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވާ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 84 މީހަކާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ނެތި ވަޒީފާ އަށް އައުމާ ގުޅިގެން ފޮނުވާލި 503 މީހުންނެވެ. އަދި އެހެނިހެން މައްސަލަތަކާ ގުޅިގެން 585 މީހަކު ވަނީ އެތެެރެ ވިޔަ ނުދީ ފޮނުވާލައިފަ އެވެ.
މިއަހަރުގެ ތެރޭގައި ބިޒްނަސް ވިޒާގައި 3102 މީހަކު ރާއްޖެ އެެތެރެވެފައިވާ އިރު ސްޕެޝަލް ވިޒާގައި 775 މީހަކު ރާއްޖެ އަށް އެތެރެވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އަދި ވެސް 30،000ގައި އުޅޭ ކަމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާރު 120،000 އަށް އަރާފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.