އދ. ފެންފުށީ ސިއްހީ މަޒުކަޒަށް ބައެއް އިތުރު ކުރުމުގެ ގޮތުން އިމާރާތެއް އަޅަން އެ ރަށުގެ ރައްޔިތަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 1.4 މިލިޔަން ރުފިޔާގެ އަގަކަށް އެ މަސައްކަތް ހަވާލުކުރީ ފެންފުށީ ސަނީ ބީމް، ނާސިރު މުހައްމަދާ އެވެ. ހެލްތު މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން 79 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. ނާސިރު މުހައްމަދާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ފެންފުށީގެ ސިއްހީ މަރުކަޒަށް ބައެއް އިތުރު ކުރަނީ އެތަން ކުޑަކަމުން އެ ރަށުގެ އާބާދީ އަށް އެކަށީގެންވާ ހިދުމަތެއް ނުދެވޭތީ ކަމަށެވެ. އާ އިމާރާތެއް އަޅަނީ އެމަޒުކަޒުންދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... ފެންފުށީގެ ސިއްހީ މަރުކަޒަކީ ވަރަށް ކުޑަ ތަނެއް. އެހެންކަމުން އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ އެތަނުގައި އާ އިމާރާތެއް އަޅައި އެތަނުގެ ހިދުމަތް އިތުރަށް ފުރިހަމަ ކޮށް ދިނުމަށް،" ނާޒިމު ވިދާޅުވި އެވެ.
އދ. ފެންފުށްޓަކީ 995 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.