16 Nov 2014, 15:58
މީގެ އަށް މަސް ކުރިން، މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ގެއްލުނު މއ. އަތަރުލާގެ، މުޙައްމަދު ޝާނީޒް، 36، ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް އެދިއްޖެ އެވެ.
ޝާނީޒް އެންމެ ފަހުން ފެނިފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހު ހެނދުނު 8:30 ގައި މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި “ދުވާފަރު” ބޯޓުން މާޗް 29 ވަނަ ދުވަހު އެވެ. “ދުވާފަރު” ބޯޓުން އޭނާ ފެނުނީ އެ ރޭ ދަންވަރު 2:45 ހާއިރު ބޯޓުގެ ތިރީ ގެގަޑުގެ ކުރީކޮޅުގައި ނިދާފައި އޮއްވާ ބޯޓުގެ ފަޅުވެރި އަކަށެވެ. އެ ވަގުތު ބޯޓު ދަތުރުކުރަމުން ދިޔައީ ބ. ދަރަވަންދޫ ބޭރުންނެވެ.
"ދުވާފަރު" ބޯޓުގެ ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި ޝާނީޒް ނެތްކަން ބޯޓުގައި ތިބި މީހުންނަށް ފާހަގަކުރެވުނީ މާޗް 29 ވަނަ ދުވަހު ހެނދުނު 9:00 ހާއިރު ރ. ދުވާފަރަށް ބޯޓު ކައިރިކުރުމުން ނެވެ.
ފުލުހުން ބުނީ މުޙައްމަދު ޝާނީޒް އެންމެ ފަހުން ފެނުނު އިރު ލައިގެންހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ ސްކިނީ ޖީންސެއް ކަމަށެވެ. އޭނާއަކީ ހަމުގެ ކުލަ އަލި، ބޮލުގެ އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގު، ހަށިގަނޑު ހިކި، އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓު ހަ އިންޗި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައި ވަނީ އޭނާ ބޯޓުގައި ނެތްކަން އެނގުނީ 29 ވަނަ ދުވަހުގެ ހެނދުނު 9:00 އެހާކަންހާ އިރު ދުވާފަރަށް ބޯޓު ކައިރިކުރުމުން ކަމަށް ބޯޓުގެ ވެރި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށާއި އަދި އެ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު އެ އަތޮޅު މާކުރަތުގައި ބޯޓު މަޑުކުރި އިރު ބޯޓުގައި އޭނާ ހުރި ކަމެއް ވެސް އަދި ނެތް ކަމެއް ވެސް ފާހަގަ ނުކުރެވޭ ކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ.