16 Nov 2014, 15:40
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނިގޮތުގައި ތޫނު ހަތިޔާރާއި ލަކުނޑިބުރި ހިފައިގެން ގްރޫޕަކުން ދެ މީހަކަށް ހަމަލާދޭން އައުމުން، އެ ދެ މީހުން ފިލަންވެގެން ވަނީ ބިލަބޮން ސްކޫލް ތެރެއަށެވެ.
"ގްރޫޕަކުން ދެ މީހަކަށް ހަމަލާދޭން އުޅުމުން އެ ދެމީހުން ވަނީ ބިލަބޮންގް ތެރެއަށް. ދެން ގްރޫޕުން އެ ދެމީހުންގެ ފަހަތުން އައިސް އެ ސްކޫލު ތެރެއަށް ވަނީ. ފިލަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ސްކޫލުގެ ސިޑިން މައްޗަށް އެރީ. އަނެކަކު ވަނީ ސްކޫލުގެ އޮފީސް ތެރެއަށް. ހަމަލާދޭން ވަން ގްރޫޕުން އޮފީސް ތެރެއަށް ވައްދާލުމަށްފަހު މާރާމާރީ ހިންގައި އެކަކު ޒަހަމްކޮށްލުމަށްފަހު ފިލީ،" މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނީ، މާރާމާރީ ހިންގުމަށްފަހު ފިލަން އުޅުނު ގްރޫޕުގެ ތެރެއިން އެކަކު ހިފަހައްޓާފައި ވަނީ ސްކޫލުގެ އޮފިޝަލުންތަކަކާއި އާއްމުންގެ ބަޔަކު ކަމަށެވެ. އަދި ޒަހަމްވި މީހާ ފުލުހުންގެ ވެހިކަލުގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މަންޒަރުދުށް މީހާ ބުންޏެވެ.
"އެއީ ސްކޫލް ނިމޭ ވަގުތު ކަމުން ވަރަށް ގިނަ ދަރިވަރުން ސްކޫލުގެ ބޭރުގައި ވެސް ތިބި. އޮފީސް ތެރޭގައި ތިބި އަންހެން މުވައްޒަފުން ވެސް ފެށީ ރޯން،" އިތުރު މީހަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިއަދު 15:08 ހާއިރު ފުލުހުންނަށް ހުށަހެޅުނު އެ މާރާމާރީގައި ޒުވާނެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުގެ ސަބަބުން އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި އެކަމާ ގުޅުންހުރި އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.