ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގެ އުނިކަންތައްތަކަށް އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.

އެމްޑީޕީން އަންނަނީ އެ ޕާޓީގެ ކޮމިޓީތަކުން ބަޖެޓު ދިރާސާކޮށް އެބަޖެޓުގައި ފާހަގަކުރެވޭ ކަންކަން މީޑިއާ އަށް ހިއްސާ ކުރަމުން ނެވެ. އެގޮތުން އެމްޑީޕީން މީގެ ކުރީގައި ވަނީ މުޅި ބަޖެޓުގެ ދިރާސާ ރިޕޯޓެއް ހަދާ އެކަން އާންމު ކޮށްފައި އެވެ. ހަމައެއާއެކު ސިއްހީ ދާއިރާގެ ބަޖެޓާއި ހާރިޖީ ގުޅުންތަކަށް ބަޖެޓްކޮށްފައިވާ ފައިސާގެ އަދަދާއި ތައުލީމީ ދާއިރާއަށް ކަނޑައަޅާފަވާ ބަޖެޓާއި ގުޅޭގޮތުން އެމްޑީޕީން ވަނީ ފާޑުކިޔާފައި އެވެ. މީގެއިތުރުން ދައުލަތުން އަންނަ އަހަރަށް ދަތުރުފަތުރަށް ކަނޑައަޅާފައިވާ ބަޖެޓަށް ވެސް އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ.

މިއަދުވެސް އެމްޑީޕީން ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ދާއިރާއަށް ކަނޑައަޅާފަވާ ބަޖެޓަށް ފާޑުކިޔާފައި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގެދޮރުވެރި ކަމާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ދައުލަތުން ހުށައަޅާފަވާ ބަޖެޓަކީ ވަކި ޕްރޮގުރާމްއެއް ކަނޑައެޅުމަށްޓަކައި ހުށައަޅާފަވާ ބަޖެޓެއް ނޫން ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޝްރޫއެއް ރޭވިފައިވާ ގޮތަކީ ވަކި ލަނޑު ދަނޑިއެއް ހާސިލް ކުރުމަށްޓަކައި ޕްރޮގުރާމްއެއް ހުންނަންޖެހޭ ކަމަށާއި އަދި އެ ޕްރޮގުރާމްގެ ތެރޭގައި ޕްރޮޖެކްޓުތަކެއް ހުންނަން ޖެހޭ ކަމަށެވެ.

"ބަޖެޓު އެކުލަވާލިއިރު ވަކި ޕްރޮގުރާމެއް ހިންގުމަށްޓަކައި ޓާގެޓު ކުރެވިފައި ހުރި މަޝްރޫއުތަކެއް ނޫން މިއީކީއެއް. ޕްރޮގުރާމް ބަޖެޓެއް ނޫންކަން. ކަން ރޭވިފައި އޮންނަ ގޮތަކީ ވަކި ގޯލަކަށް ހާސިލްވުމަށްޓަކައި ޕްރޮގުރާމްއެއް ހިންގަންޖެހޭ ޕްރޮގުރާމްގެ ތެރޭގައި ޕްރޮޖެކްޓްސް ހުންނަން ޖެހޭ. ޕްރޮޖެކްޓްސް ތެރޭގައި އެކްޓިވިޓީސް ހުންނަނީ" އަސްލަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި ބޯހިޔާވެހިކަމާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ އެންމެ މުހިއްމު ސިޔާސަތަކީ އަލަތު ކައިވެންޏެއް ކުރާ ކޮންމެ ދެމަފިރިއަކު ގެދޮރުވެރިކޮށްދިނުން ކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ ޕީޕީއެމްގެ އެ ވައުދު ފުއްދުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް ކަމެއް ހިމަނާފަވާ ތަނެއް ނުފެންނަ ކަމަށެވެ.

އަތޮޅުތަކާއި މާލޭގެ އާބާދީ ފެތުރިފައިވާ ގޮތުގައި އަލަތު ކައިވެނީގެ ތިން ބައި ކުޅަ އެއް ބައި އާބާދުވެފައިނީ މާލޭގައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން ޕީޕީއެމްގެ އެވައުދު ފުއްދުމަށްޓަކައި އަލަތު ކައިވެނި ކުރާ މީހުންނަށް ގެދޮރުވެރިކުރުމަށް 5 އަހަރުގެ ދައުރުގެ ތެރޭގައި މާލޭގައި 5000 ހައުސިން ޔުނިޓު އަދި އަތޮޅުތަކުގައި 10000 ހައުސިން ޔުނިޓް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިދެންނެވި ވައުދު ފުއްދުމަށް ބައެއްބޭފުޅުން ވިދާޅުވެދާނެ ކަން ނޭނގެ މިހާރުވެސް އެބަ ހައުސިން ޔުނިޓްތަކެއް އެޅެމުން އެބަގެންދޭ، އަޅުގަނޑުމެންނަށް މިފެންނަނީ ޕީޕީއެމްގެ ސަރުކާރު އެއްއަހަރު ހޭދަކޮށް ދެވަނަ އަހަރަށް ދާއިރު ސަރުކާރަކުން ނެތޭ އާ މަޝްރޫއެއް އެކުލަވާލާ ރާވަން ގަސްތުކޮށް ބަޖެޓުގައި ހިމަނާފައިއެއް" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރުން މަސައްކަތްތައް ތަންފީޒުކު ކުރަމުން ގެންދާ ސްޕީޑު އަދި އާ މަސައްކަތްތައް ރާވާ ހިންގުމުގެ ގާބިލްކަން ހުރި މިންވަރަށް ބަލާއިރު މެނިފެސްޓޯގައި ހިމަނާފައިވާ ގެދޮރުވެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރެވޭނެކަން ގަބޫލު ނުކުރެވޭ ކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަވާ ބަޖެޓުގައި އިގްތިސާދީ ބައިތަކުން އިމާރާތްކުރުން ހިއްސާ ކުރަނީ 8.7 އިންސައްތަ އެވެ. އަންނަ އަހަރު ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް 1،254 މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައި ވެއެވެ. އެއީ ޕީ.އެސް.އައި.ޕީގެ 20 އިންސައްތަ އެވެ.