ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނަރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގަވާއިދު އެކުލަވާލާ ކޮމެޓީން ނިންމައިފި އެވެ.

މިހާރު އަމަލު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ އަލަށް އެކުލަވާލާ މަޖިލިސް އިންތިހާބުވެ މަސައްކަތް ފެށުމަށްފަހު ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ތިން މަގާމަށް މަޖިލީހުން މީހުން އައްޔަން ކުރަން ވާނެ ކަމަށެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް ނިމި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ހިނގަމުންދާއިރު ވެސް މަޖިލީހުގެ އަމީން އާންމުގެ މަގާމާއި ކައުންސެލް ޖެނަރަލްގެ މަގާމުގެ އިތުރުން ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ތިއްބެވީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން އިންތިހާބު ކުރި ބޭފުޅުންނެވެ.

އާ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަށް އެ ތިން މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ މަޖިލީހުގެ އާ ގަވާއިދަށް އަމަލު ކުރަން ފަށާތާ ދެ ދައުރު ފުރިހަމަ ވުމުގެ ކުރިން ކަމަށެވެ.

އެ އިސްލާހު އެ ގޮތަށް ގެނައީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުގެ ހުށަހެޅުމަކަށެވެ.

އަމީން އާންމުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު މުހައްމަދަކީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، މަޖިލީހުގެ އަމީން އާންމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެވެ. ނިމިދިޔަ ދައުރުގައި ވެސް އަމީން އާންމުގެ މަގާމަށް މަޖިލީހުން އައްޔަން ކުރީ އޭނާ އެވެ. އޭނާ އެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު [ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު] ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކެބިނެޓަށް ނެންގެވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

ފާތުމަތު ފިލްޒާ ކައުންސެލް ޖެނަރަލް ކަމަށް އައްޔަން ކުރީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ 70 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ޑިސެމްބަރު 18، 2012 ގައި ކައުންސެލް ޖެނަރަލް ކަމަށް އައްޔަން ކުރެއްވި ފިލްޒާ ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.