16 Nov 2014, 14:05
ޔޫރޯ ކޮލިފައިންގައި އިންގްލޭންޑާއި ސްލޮވީނިއާ ބައްދަލު ކުރި މެޗު، ސްލޮވީނިއާ ލީޑް ނަގާފައި ވަނިކޮށް ލަނޑެއް ޖަހައި އިންގްލޭންޑްގެ ރޫހު އާ ކޮށްދީފައި ވަނީ އެ ޓީމަށް އޭނާގެ 100 ވަނަ މެޗު ރޭ ކުޅެ ދިން ވޭން ރުނީ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު އިންގްލެންޑުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 3-1 ކަށް ހަދާފަ އެވެ. މެޗުގެ ފުރަތަމަ ހާފް ދެ ޓީމުން ވެސް ހަމަހަމަ ކުޅުމަކާއެކު ފަށާފައި ވާއިރު، ދެ ޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އިންގްލެންޑްގެ ކުޅުން ހަމައަކަށް އެޅި، ސްލޮވީނިއާގެ ގޯލަށް ނުރައްކާ ކުރަން އިނގިރޭސީން މަސައްކަތް ފަށައިގަތީ އެ ހާފްގެ މެދުތެރޭގަ އެވެ. މެޗުގައި އިންގްލެންޑަށް ދެ ލަނޑު ކާމިޔާބުކޮށްދިން ވެލްބެކް ފަރާތުން އެ ހާފްގެ ފަހުކޮޅު ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.
ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން ނިމިފައި ވާއިރު، މެޗުގެ ދެ ވަނަ ހާފް އިންގްލެންޑުން ފައްޓާފައި ވަނީ ވަރުގަދަ ކޮށެވެ. ދެ ވަނަ ހާފްގެ ފުރަތަމަ ވަގުތު ކޮޅުތެރޭ އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ 58 ވަނަ މިނެޓުގައި އެ ޓީމްގެ ހެންޑަސަންގެ ފަރާތުން ބައި ކޮޅަށް ވައިން ބޯޅަޔާ އެކީ އެވެ.
މި ލަނޑާއެކު ސްލޮވީނިއާއަށް މެޗުގެ ލީޑް ހިފެއްޓިފައި ވަނީ ކުޑަ ވަގުތުކޮޅަކަށެވެ. އެގޮތުން 59 ނުވަ ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުން ޕެންލްޓީ ކާމިޔާބުކޮށް، އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އިންގްލެންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ވޭން ރޫނީ އެވެ.
މެޗުގެ ލީޑް އިންގްލެންޑަށް ލިބިފައި ވަނީ 66 ވަނަ މިނެޓުގައި އެ ޓީމްގެ ޑެނީ ވެލްބެކް ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ. އޭގެ ފަސް މިނެޓު ފަހުން ވެލްބެކް ވަނީ މެޗުގައި އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް، އިންގްލެންޑަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅު ބަދަލުތަކެއް ގެނެސް ނަތީޖާ އަނބުރާލެވޭތޯ ސްލޮވީނިއާއިން މަސައްކަތް ކޮށްފައި ވާއިރު، ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމަށް ވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
އެ ކާމިޔާބިއާއެކު އިންގްލެންޑް ވަނީ އީސީ ކޮލިފިކޭޝަންގައި ކުޅުން ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާއެކު ގްރޫޕް 'އީ' ގެ ތާވަލްގެ އެއް ވަނަ ހާސިލްކޮށްފަ އެވެ. ކުޅުނު ހަތަރު މެޗުން މުޅިއަކު ހަ ޕޮއިންޓް ކާމިޔާބު ކޮށްފައިވާ ސްލޮވީނިއާ ތާވަލްގެ ތިން ވަނައިގައި އޮތް އިރު، އެ ޓީމާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ސްވިޒަލޭންޑް އޮތީ ފަސް ލަނޑުގެ ފައިދާ އާއެކު ތާވަލްގެ ދެ ވަނައިގަ އެވެ.