28 Jan 2011, 19:38
ޑީއާރްޕީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމު ކާޑެއްދޫ އެއާޕޯޓަށް ވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެމަނިކުފާނަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް އެ ޕާޓީން ކޮށްފައިވާ އަމަލެއް ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ތ. މަޑިފުށިން ބައިވެރިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް އެރަށުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަސްމީން މިއަދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީއަށް ކެންޕޭނު ކުރެއްވުމުގެ ގޮތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު ކުރައްވާ މަސައްކަތް ފުޅުގައި ގއ. ވިނލިގިއްޔަށް ވަޑައިގަތުމުން ކާޑެއްދޫ އެއާޕޯޓުން އެމްޑީޕީގެ ބަޔަކު މައުމޫނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ކުރުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެއާޕޯޓަށް އައިސް ޒައީމާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ބޭފުޅުންނަށް އެކިކަހަލަ ގޯނާކޮށް ހަމަލަދޭން މަސައްކަތް ކުރި. އޭގެ ސަބަބުން ބައެއް ގެއްލުންވެސް ލިބިގެން ދިޔަ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީނު އިތުރަށް ވިދާޅުވީ، އެފަދަ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރުމަކީ ޤާނޫނީ ވެރިކަމެއް ހިނގާ ގައުމެއްގައި ހިނގައިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި އޭނާ ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރައްވައިފަ އެވެ.
ޑީއާރުޕީގެ ނައިބު ލީޑަރު އިލްހާމު އަހުމަދު މިއަދު މެންދުރު ކާޑެއްދޫގައި ހުންވައިގެން ވިދާޅުވީ، ޒައީމް މައުމޫނާއި ޑީއާރްޕީގެ ބައެއް އިސްވެރިން ކާޑެއްދޫ އެއާޕޯޓަށް ވަޑައިގަތުމުން، އެމްޑީޕީގެ 25 ވަރަކަށް މީހުން އެ ސަރަހައްދަށް އެއްވި ޑީއާރުޕީ ޓީމަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ޑީއާރުޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ގައިގައި މީހަކު ލަކުޑި ބުރި އަކުން ޖަހައި އެނާގެ ބޯ ދުޅަކޮށްލާފައި ވާކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އެރަށުން ވިލިނގިއްޔަށް ޒައީމް މައުމޫނާއި އެހެން ބޭފުޅުންނަށް ވަޑައިގެންނެވުނީ، ފުލުހުން އެސަރަހައްދަށް އެއްވި ތިބި މީހުން ކޮންޓްރޯލުކުރުމުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.
ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު ވިދާޅުވީ، މަޑިފުށީގައި މިއަދު ޑީއާރުޕީން ބޭއްވި ޖަލްސާ ނިންމާލުމަށް ފަހު އެރަށުން ޑީއާރުޕީގެ ޓީމު ފުރަން ނުކުތުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޑީއާރުޕީގެ ލޯންޗަށް ގާއުކާފައިވާކަމަށެވެ.
"ޑީރާރުޕީގެ ޓީމު ފުރަން ލޯންޗަށް އަރަ އަރަ އޮއްވާ ގާއުކަން ފެށީ. ދެ ޕާޓީގެ މެންބަރުންގެ މެދުގައި ފުރަން އުޅުނު ވަގުތު ހަމަނުޖެހުމެއް ހިނގި. އެހެން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" ސޯލިހު ވިދާޅުވި އެވެ.
މިކަމާމެދު އެމްޑީޕީގެ ކެންޕެއިން މެނޭޖަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިއަދު ހިނގި ހަމަނުޖެހުންތަކަކީ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަމަނުޖެހުން ތަކެއް ނޫން ކަމަށެވެ.
"އެމްޑީޕީން އެފަދަ ކަމެއް ނުކުރާނެ. އަޅުގަނޑުމެންނަކީ ހަމަނުޖެހުން އުފައްދަން އުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ރަނގަޅު ސާފު އިންތިހާބެއްގައި ކެމްޕޭނަށް ނުކުމެގެން އުޅޭ ބައެއް. ތިޔަކަހަލަ އިލްޒާމެއް އަޅުގަނޑުމެން އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.