ހުޅުމާލޭގައި ދުއްވާ ޓެކްސީއެއްގައި ބަނގުރާ ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޓެކްސީއެއްގައި ބަނގުރާ ގެންގުޅު މައްސަލައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރީ 50 އަހަރާއި 33 އަހަރާއި 21 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

ޓެކްސީ ހުއްޓުވައި، އެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މީހުން ހައްޔަރުކުރަން ފުލުހުން އުޅުމުން އޭގެ ތެރެއިން އެކަކު މީހުންގެ ތެރެއިން އެކަކު ޓޭކްސީން ފާބައިގެން ފިލަން މަސައްކަތް ކުރަނިކޮށެވެ. އެ މައްސަލާގައި ހިމެނޭ ބަނގުރާ ފުޅި ފެނިފައި ވަނީ އެ ޓެކްސީ ހުއްޓުވައި ބަލައި ފާސްކުރިއިރު އެވެ.

ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް، އެ ތިން މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ.

ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.