16 Nov 2014, 12:07
މެލޭޝިއާގައި ހުންނަ ޗައިނީސް ޗެންބާ އޮފް ކޮމާސްގެ ޗައިނީސް ދަރިކޮޅަށް ނިސްބަތްވާ އިންވެސްޓަރުންގެ ތެރެއިން ރާއްޖެ ވަޑައިގެން އުޅުއްވާ ބިޒްނަސް ޑެލިގޭޝަންގެ ބޭފުޅުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ މައުލޫމާތު ދިނުމުގެ ގޮތުން ޝެޝަން އެއް ބާއްވައިފި އެވެ.
މިއަދު ސުޓެލްކޯ ކޮންފަރެންސް ހޯލުގައި ބޭއްވި އެ ޝެޝަންގައި ރާއްޖޭގެ އެކިއެކި މިނިސްޓްރީތަކުގެ އިސް ފަރާތްތަކާއި ޗައިނީސް ޗެންބާގެ ބިޒްނަސް ޑެލިގޭޝަންގެ އިސްފަރާތްތަކުން ބައިވެރިވި އެވެ.
އެ ސެޝަން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަފުޅު ދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާރިޝް މައުމޫން ވިދާޅުވީ ރާއްޖެއިން ފޮރިންިއންވެސްޓަރުންނަށް މަރުހަބާ ކިޔާކަމަށާއި މިގައުމަކީ ފޮރިން އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ހިމާޔަތުގައި ގާނޫނުތަކެއް ފަރުމާކުރަމުންދާއިރު އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސެޝަންގައި ވާހަކަދައްކަވަމުން އެ ވަފްދުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި އިސްވެސްޓު ކުރުމަށް ޝައުގުވެރިވާ ކަމަށާއި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއަދު ބޭއްވި އެ ސެޝަންގައި ރާއްޖޭގައި ހުރި އިންވެސްޓް މަންޓްތަކާ ގުޅުން ހުރި ވީޑިއޯ ޕުރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އެގޮތުން އައިހެވަން މަޝްރޫއާއި ހުޅުމާލެއާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ގެ ތަރައްގީގެ މަޝްރޫގެ އިތުރުން ޓޫރިޒަމާއި ހައުސިންގެ އިތުރުން ތިމާވެށީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކުގެ މައުލޫމާތުވަނީ ދެއްވާފައެވެ.
މެލޭޝިއާއިން ވަޑައިގެން އުޅުއްވާ ވަފުދު ރާއްޖޭގައި ތިން ދުވަހު މަޑުކުރުމަށް ހަމަޖެހިފައިވެއެވެ. އެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޗެންބާ އޮފް ކޮމާސް އާއި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓަރާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.