ދައުލަތުން ހެކީން ހާޒިރުކޮށްނުދޭތީ ސ. ގަން ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައާ ގުޅިގެން މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 10:00އަށް ތާވަލްކުރި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުން ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން އެ ހެކީން ހާޒިރުކޮށްދީފައިނުވާތީ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ދައުވާ ލިބޭ މީހުންނާއި އެމީހުންގެ ވަކީލު ވެސް ކޯޓަށް ހާޒިރުވެވަޑައިގަތެވެ. މިއަދު ތާވަލްކޮށްފައި ވަނީ ފަސް މީހެއްގެ ޝަރީއަތެވެ. އެއީ ސ. މަރަދޫ ބީޗްފްލެޓް އަހްމަދު ރަޝީދު އާއި އެރަށު ލިވާޕޫލް އަލީ ރިމާޒު އާއި ސ. ހިތަދޫ ހެވަން ހުސައިން ޒުހައިރު އާއި އެރަށު ފިނިމާ ހަސަން ނާއިމްގެ އިތުރުން ސ. ފޭދޫ ޝަންސައިން އަހްމަދު ނަބީލެވެ.

މިދިޔަ ހަފްތާގައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރުބައެއްގެ ޝަރީއަތް ހިންގައި ހެކީންގެ ހެކިބަސް ނަގާފައެވެ. އެމީހުންނާ ދެކޮޅަށް ފުލުހުން ހެކިބަސްދީފައިވާއިރު ހެކިބަސް ނަގާފައި ވަނީ ފާޅުގައެވެ. އެއީ އެމީހުންނަކީ ސިއްރު ހެކީން ކަމުގައި ނުވާތީއެވެ. އެ މީހުން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ޗިޓު ފޮނުވައިގެންނެވެ.