ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިިޒާމްކޮށްގެން ބާއްވާ އެކްސެލް ލިމިޓަޑް އޯވާ ކްރިކެޓް މުބާރާތުގައި "ޝްރީލަންކަން ހައި ކޮމިޝަން"އާ ބައްދަލުކޮށް 69 ލަނޑުގެ ތަފާތަކުން މާލެ ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހެނދުނު އެ ދެ ޓީމުން ބައްދަލުކުރި މެޗު ފެށުމުގައި ޓޮސް ދިމާވީ މާލެ ސްޕޯޓްސް ކްލަބުން މެޗުގައި ފުރަތަމަ އިހުތިޔާރު ކޮށްފައި ވަނީ ބެޓް ކުރުމަށެވެ. މުޅިއަކު 48 އޯވަރުގެ ތެރޭގައި އެޓީމްގެ ހުރިހާ ކުޅުނތެރިން ނުބައިވެގެން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ 220 ލަނޑެވެ.

މާލެ ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ 68 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން އެ ޓީމްގެ މުހައްމަދު ރިޞްވާން އާއި 42 ލަނޑު ކާމިޔާބު ކުރި އެ ޓީމްގެ ޕްރިޔަންކާ އެވެ. އުކުމުގައި ޝްރީލަންކަން ހައި ކޮމިޝަންގެ ރަހާލް، ސާފީ، އަމީލް އަދި ރޯޝަން ކޮންމެ ކުޅުންތެރިއަކު ވަނީ މުޅިއަކު ދެ ވިކެޓް ނަގައިފަ އެވެ.

އޭގެ ޖަވާބުގައި ޝްރީލަންކަން ހައި ކޮމިޝަނުން ވަނީ ކުޅެން އަރާ 44 އޯވަރުގެ ތެރޭގައި މުޅިއަކު 151 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ 34 ލަނޑު ކާމިޔާބު ކޮށްދިން އިސާން އާއި 26 ލަނޑު ކާމިޔާބު ކޮށްދިން މުހައްމަދު އައްޒާމް އެވެ. އުކުމުގައި މާލެ ސްޕޯޓްސް ކްލަބުގެ އަހުމަދު ހަތަރު ވިކެޓް ނަގާފައިވާ އިރު، އެ ޓީމްގެ ސަލްމާން ޒަކީ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

އިއްޔެ ކުޅުނު މެޗުގެ ނަތީޖާއާ އެކު، މުބާރާތުގެ ތާވަލްގައި މިހާރު އެންމެ ކުރީގައި އޮތީ ޔޫތު ޑިވަލޮޕްމަންޓް ޓީމެވެ. އެ ޓީމް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ވަނީ މުބާރަތުގައި މުޅިއަކު ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެތާވަލްގެ ދެވަނަ މަގާމަށް ކޮންމެ ޓީމަކުން ވެސް މުޅިއަކު ފަސް ޕޮއިންޓާ އެކު ވާދަ ކުރަނީ އިންޑިއަން ބްލޫސް އާއި މާލެ ސްޕޯޓްސް ކްލަބެވެ. މި ދެ ޓީމްވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރޭން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވި ޝްރީލަންކަން ހައި ކޮމިޝަން ޓީމަށް މުބާރާތުގައި އަދި ވަނީ ޕޮއިންޓެއް ލިބޭގޮތް ނުވެފަ އެވެ.