ޓޫރިޒަމް ދާއިރާ އިން ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު އެވޯޑް، މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014 ހުށަހަޅައި ދިނުމަށް އިންޑިއާގެ ޓީވީ ޗެނަލްއެއް ކަމުގައިވާ "އެމްޓީވީ"ގެ ޕްރެޒެންޓަރު ނިކިލް ޗިނަޕާ ރާއްޖެ އަށް އަންނަން ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވަން ނިންމާފައިވާ އެވޯޑް ދިނުމުގެ ހަފްލާގައި އެމްޓީވީގެ މަޝްހޫރު ޕްރެޒެންޓަރު، ނިކިލް ކޯ ހޯސްޓް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާއާ އެކުގަ އެވެ.

ނިކިލް އަކީ ޕްރެޒެންޓް ކުރުމުގެ އިތުރުން އިންޑިއާގައި މަޝްހޫރު ޝޯތަކުގައި ވެސް އެކި ހަރަކާތްތައް ހުށަހަޅައިދޭ ފަންނާނެކެވެ. އެގޮތުން އިންޑިއާގައި އެންމެ މަގުބޫލު، އެމްޓީވީގެ ޝޯއެއްކަމަށްވާ "އެމްޓީވީ ސެލެކްޓް"ގައި ނިކިލް ވަނީ "ވީޖޭ" ހުށަހަޅައިދީފަ އެވެ. އޭގެ އިތުރުން 'ފޭމް އެކްސް" ޝޯގައި ޖަޖްކަން ވެސް ކޮށްފައިވާ ނިކިލް ވަނީ "އިންޑިއާސް ގޮޓް ޓެލެންޓް" ފަދަ ޝޯތައް ހޯސްޓް ކޮށްދީފަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއައޮޕަރޭޓާސް (މަޓާޓޯ)ގެ ފަރާތުން 2012 ވަނަ އަހަރު ތައާރަފު ކުރި އެ އެވޯޑުގައި މިއަހަރު 23 ކެޓެގަރީން އެވޯޑުތައް ދޭނެ އެވެ. އޭގެ ތެރޭގައި އޭވިއޭޝަން އަދި ޓްރާންސްޕޯޓް، ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ވެލްނެސް، ލައިވް ބޯޑްސް، ޑައިވިން އަދި ސާފިން ފަދަ ދާއިރާތައް ހިމެނެ އެވެ.

މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014 ގެ މެއިން ސްޕޮންސާ އަކީ އިބްރާހީމް ނާސިރް އިންޓަނޭޝަން އެއާޕޯޓެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސާއި އެސްޓީއޯގެ ފަރާތުން ފިލިޕްސް ބްރޭންޑާއި ދަ ހޯކްސް އަދި ފްލައިމީ އެވެ. އެސޯޝިއޭޓް ޕާޓްނަރުންނަކީ ވައިޓްޝޭޑާއި ޓީއެމްއޭ އެވެ. މީޑިއާ ޕާޓްނަރުންގެ ތެރޭގައި އެމްބީސީ، ސަން އޮންލައިން، އޭޝިއަން ޖޯގްރެފިކް ޕާސްޕޯޓު، އޭޝިއަން ޑައިވާ، ސްކޫބާ ޑައިވާ އޮސްޓްރޭލިއާ، ފްލޯޓިން އޭޝިއާ، ވިސިޓިން ގައިޑް އަދި މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމްވީ ހިމެނެ އެވެ. ބޭވަރޭޖް ޕާޓްނަރުންނަކީ ބޮނަކުއާ އަދި ކޮކާ ކޯލާ އެވެ. ޓެކްނޮލޮޖީ ޕާޓްނަރަކީ ސެމިކޮލޮން އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރޭވަލް އެވޯޑްސް 2014 ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.