16 Nov 2014, 09:35
ރ. އަލިފުށިން މާލެ އަށް ދަތުރުކުރާ "ފޯސީ ބޯޓް" ރޭ 11 ޖަހާކަންހާ އިރު ފަރަށް އަރާފައިވަނިކޮށް މިއަދު ހެނދުނު 6:30 ކަންހާއިރު ފުންކޮށްފި އެވެ.
އަލިފުށީ ކައުންސިލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ބޮޑުހިތި ފަރަށް އެރި އެބޯޓް ފުންކޮށްފައި ވަނީ ޓަގެއްގެ އެހީގަ އެވެ. އެ ބޯޓް ފުންކޮށް މިހާރު މާލެ އައުމަށް ދަތުރުފަށާފައިވާ އިރު އެބޯޓަކަށް ވެސް އަދި މީހަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ބޯޓް ފުންކޮށް ދަތުރުފަށާފައިވާ އިރު ފަރަށް އެރުމުގެ ސަބަބުން ބޯޓަކަށް މާބޮޑު ގެއްލުންތަކެއް ނުވޭ، އަދި މީހަކަށް ވެސް ގެއްލުމެއް ނުވޭ، ނަމަވެސް ބައެއް މުދާ ކަނޑަށް ދޫކޮށްލަންޖެހުނުކަމަށްވަނީ" އަލިފުށީ ކައުންސިލުން ބުންޏެވެ.
އެބޯޓުގައި އެވަގުތު ތިބީ ކިތަންމީހުންތޯ ސުވާލުކުރުމުން ކައުންސިލްގެ އޮފިޝަލް ވިދާޅުވީ "ބޯޓްގައި ތިބި މީހުންގެ އަދަދު ސީދާ ނޭނގޭ، އެކަމަކު އެހާ ގިނަ މީހުނެއް ނުތިބޭނެ، އަދި އެއްވެސް މީހަކަށް ގެއްލުމެއްނުވޭ،" ކަމަށެވެ.
އަލިފުށީ އޮންލައިންއިން މައުލޫމާތު ދިން ގޮތުގައި ފޯސީ ބޯޓު ފަރަށް އަރާފައި ވަނީ އެބޯޓުގެ އިންޖީން ހަލާކުވުމާ ގުޅިގެން ދެ މަސް ދުވަހު ދަތުރުކުރުމަށް މެދުކެނޑުމަށް ފަހު އެބޯޓް ދަތުރުކުރި ފުރަތަމަ ދަތުރުގަ އެވެ.