16 Nov 2014, 09:28
މި ގައުމުގެ ރައީސް އެމެރިކާގެ ރައީސް އުޅުއްވާ ވަރަށް ވުރެ އިއްޒަތުގައި އުޅުއްވާތަން ކޮންމެ ދިވެއްސަކު ދެކޭ ހިތްވާނެ އެވެ. ސަރުކާރުގެ މުއައްޒަފުންނާއި އެ އިދާރާތަކުގެ ވެރިން ގެންގުޅޭ ސާމާނަކީ ދުނިޔޭގެ ބާޒާރަށް ނެރޭ އެންމެ ފަހުގެ ތަކެއްޗަށްވުމަށް ވެސް ދިވެހިން އެދެ އެވެ. ހަމައެހެންމެ މަޖިލިސް މެމްބަރުންނަކީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ އާއި އިނާއަތް ލިބޭ މެމްބަރު ކަމުުގައި ވުމަކީ ވެސް ދިވެހިން ނޭދޭ ކަމެއް ނޫނެވެ. މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކަކީ ވެސް އެ ބޭފުޅުން ހިތް ފުރޭވަރުގެ ބަޖެޓު ދީގެން ދައްޗެއް ނެތި ހިންގޭނެ ތަންތަނަށް ވާނަމަ ކޮންފަދަތޯ އެވެ. މިއީ ބައެއް އިސްވެރިންގެ ވިސްނުމެވެ. ނަމަވެސް ހަރަދުތައް ކުރަން ވިސްނާއިރު ކުރާ ހަރަދާއި މި ގައުމަށް ލިބޭ އާމްދަނީ އާ އެއްވަރުތޯ އެވެ. ރައްޔިތުންގެ އަތުން ޓެކްސް ކިތަންމެ ވަރަކަށް ވެސް ނެގިދާނެ އެވެ. ނަމަވެސް މި އޮނިގަނޑަށް ބަދަލު ނުގެންނަ ނަމަ ވާނެ ފައިދާއެއް އެބައޮތްތޯ އެވެ؟
ތާރީހަށް ބަލާއިރު ގިނަ ހާލަތްތަކުގައި ވެރިމީހާ އާއި ދައުލަތުގެ ވެރިންނަށް މި ގައުމު އެމެރިކާއަށްވުރެ އަދި ސިންގަޕޫރަށް ވުރެ ވެސް މުއްސަނދިކޮށް ފެންނަހެން ހީވެ އެވެ. ފެންނަ މަންޒަރުތަކުން އެ ވެރިން ކުރަން ރާވާ ކަންކަމާއި ކޮށްލާފައި ހުރި ހަރަދުތަކުންނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެ ކައްޗަކީ އޮޑިޓް ރިޕޯޓްތަކެވެ. ކުރަން ނުޖެހޭ އެތައް ބޭކާރު ހަރަދުތަކެއް ކުރާކަން އެއިގެން ހާމަވާނެ އެވެ. ހަމައެއާ އެކު ދައުލަތުގެ މުއައްސަސާތަކުގެ ހަރަދުތައް ވެސް ކުރަންޖެހޭ ވަރަށް ވުރެ މާބޮޑުކަން ފާހަގަކުރެވެ އެވެ. ގައުމަށް ލިބޭ އެއްޗަކަށް ވުރެ އުޅެން އުޅޭ ގޮތް މާ ފޮނިހެން ބައެއް ފަހަރު ހީވެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތައް ބަޖެޓުގައި ހިމަނާފައިވާ މިންވަރު ބޮޑެވެ. އަދި ގައުމާއި ނުބައްދަލު ތަކެއްޗަށް އޮފީސްތަކުން ޑިމާންޑްކުރާ ކަމަށް ވެސް ސަލީމް ފާހަގަ ކުރެއްވި އެވެ.
"ވަޒީރަކު ބަދަލުވެއްޖެ ނަމަ ނުވަތަ ސްޓޭޓް މިނިސްޓަރަކު ބަދަލުވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެ ޖެހުނީ ކޮޓަރި ބަދަލުކޮށްލަން، މި ގައުމުގައި އެމެރިކާގެ ރައީސް ނީންނަވަރުގެ މޭޒެއްގައި ޑެޕިއުޓީ ޑިރެކްޓަރުން ނުވަތަ ޑިރެކްޓަރުން އެބަ އިންނަން ޖެހޭ، ދުނިޔޭގައި ނިއުކުލިލާ ބޮންގޮންވަން ބޭނުން ކުރާ ފެންވަރުގެ ކޮމްޕިއުޓަރެއް ނޫނީ އަޅުގަނޑުމެންގެ އޮފީހެއްގައި ބޭނުމެއް ނުކުރެވޭ،" އޭދަފުށީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ދެން ވެސް އޮތީ ނުބައްދަލު އޮނިގަނޑެއްގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުގެ ވާހަކަ އެވެ. މަޖިލިސް މެމްބަރުންގެ ގޮތުގައި 85 މެމްބަރުން ތިއްބަވާއިރު އެއިގެން ކޮންމެ މެމްބަރެއްގެ މުސާރަ އާއި އެލަވަންސާ އެކު 82،500 ރުފިޔާ ޖެހެ އެވެ. މަޖިލީހުގެ އިދާރީ ހަރަދުތައް ވެސް އެހާ ބޮޑެވެ. ލޯކަލް ކައުންސިލްތަކަށް އަންނަ އަހަރު ބިލިއަނެއްހާ ރުފިޔާ ހަރަދުކުރާއިރު ބޮޑު ބައެއް ހަރަދުވާނީ ކުޑަ ރަށެއް ބޮޑުރަށެއް ނުބަލައި ކޮންމެ ރަށަކަށް ފަސް މީހުންގެ ނިސްބަތުން އިންތިހާބް ކޮށްފައިވާ ކައުންސިލަރުންގެ މުސާރައަށެވެ. ކޮންމެ ދެ ގެ ދޭތެރެއަށް މިނިވަން މުއައްސަސާއެކޭ ބުނެވޭ ގޮތަށް އުފައްދާފައިވާ މުއައްސަސާތަކަށް އަންނަ އަހަރު ބަޖެޓުން ވެސް 647 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާއިރު ގިނަ މިނިވަން މުއައްސަސާތަކަކީ ހަމައެކަނި ހުދާ ކަޅުގެ ލިޔެކިޔުންތައް އިރުއިރު ޝާއިއު ކުރާ މުއައްސަސާތަކެއް ނޫނެވެ. އަމަލީ މަސައްކަތުން، ނަތީޖާ ނެރޭ މުއައްސަސާތައް މަދެވެ. މިއީ ވެސް ގައުމާއި ނުބައްދަލު ކަމެއް ނޫންތޯ އެވެ؟
"ކައުންސިލްތަކަށް ބެލިޔަސް ނޫނީ މުއައްސަސާތަކަށް ބެލިޔަސް މި އޮތީ އެމެރިކާގައި ވެސް ނޯންނަ ފަދަ ބުރަގޮތް ގޮތަށް، ހަގީގަތުގައި ލޯކަލް ކައުންސިލްތަކަކީ އެހެން ގައުމުތަކުގައި ޕާޓް ޓައިމްކޮށް ކުޑަ އެލަވަންސަކަށް ކުރާ ކަމެއް، ނަމަވެސް މި ގައުމުގައި މި ކަން މި އޮތީ ބޮޑު ސިންގާ މުސާރަ ދޭކަމަކަށް ހަދާފައި،" އިގްތިސާދީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
ނުކިއްސަރު ގޮތަކަށް ކުރެވޭ އިތުރު ކަމަކަށް ވެސް ބަލާލާނަމެވެ. އެއީ މިދެވޭ ސަބްސިޑިތަކެވެ. ދައުލަތުން ރައްޔިތުންނަށް ސަބްސިޑީ ދެނީ ވަރަށް މާތް މަގުސަދެއްގަ އެވެ. ނަމަވެސް އެއީ ވެސް ވަކި އުސޫލެއް ނެތި ދެވޭ އެއްޗަކަށް ވުމުން މިއަދު ގައުމަށް އެކަން ވެސް މި ވަނީ ބުރައަކަށްވެފަ އެވެ. މި އަންނަ އަހަރު ވެސް ބަޖެޓުން ސަބްސިޑީތަކަށް 3.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާސަންދައަށް 753 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީވެސް ނިކަމަތިންނަށް އެކަނި ދެވޭ އެއްޗަކަށް ހަދަންޖެހެ އެވެ. މިފަދަ ނާޒުކު އިގްތިސާދެއް ލިބިފައިވާ ގައުމުން ދޭ ސަބްސިޑީތައް ދެމުންދަނީ ނިކަމެއްޗެއް މުއްސަންޖެއް ތަފާތެއް ނެތި އެންމެންނަށް ވެސް ހަމަހަމަ އުސޫލެއްގެ މަތިން ކަމީ ބަދަލު ގެންނަން މަޖުބޫރުވެފައިވާ ކަމެކެވެ.
"ރާއްޖޭގައި ސަބްސިޑީތައް ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅެން ޖެހޭ. ރާއްޖޭގައި ސަބްސިޑީ ދެމުންދަނީ އެއަށް އެންމެ ބޭނުންވާ މީހުންނަކަށް ނޫން، އެހެންކަމުން އެކަމަށް ބަދަލު ގެންނަންޖެހޭ،" ވޯލްޑް ބެންކުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް ކްރިތިސިރީ ރާޖަތާ ވިޖެވީރާ ވިދާޅުވި އެވެ.
މިނޫނަސް އެތައް ދާއިރާއަކުން ހަރަދު ކުޑަކުރަންޖެ އެވެ. އެނޫން ނަމަ މި ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅޭނެ ތަނެއް ނުފެންނާނެ އެވެ. ބޭކާރު ހަރަދުތައް އިންތިހާއަށް އޮތްއިރު އެ ކަމަށް ހައްލު ނުގެނެސް އެކަން ފޫބައްދަން ރައްޔިތުންގެ އަތުން އިތުރަށް ޓެކުސް އާއި އެހެނިހެން ގޮތްގޮތަށް ފައިސާ އަތުލުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ އެވެ. އިންތިހާއަށް ޓެކްސް އިތުރު ކުރުމަށްވުރެ މިކަންކަން ހައްލު ކުރަން އުޅުންމާ ބުއްދިވެރި ކަމަށް ފެނެއެވެ.
ދިވެހި ރާއްޖޭގެ އިގްތިސާދީ ދާއިރާގެ އެންމެ ތަޖުރިބާކާރު އަދި ކުރީގެ ގަވަރުނާ ޑރ. ފަޒީލް ނަޖީބް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމާ ނުބައްދަލު އޮނިގަނޑެއް މިއަދު ގައުމުގައި އޮތުމެވެ. އެގޮތުން ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ހަރަދުތައް މާ ބޮޑު ކަމަށާއި އެހެންކަމުން އެ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޖަހަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
"ދައުލަތުގެ އޮނިގަނޑު ކުޑަ ކުރެވޭނެ ގޮތަކަށް މަޖިލީހުން ވެސް ވިސްނަވަން ޖެހޭ، މިކަން ވަރަށް ސީރިއަސްހެން އަޅުގަނޑަށް ހީވަނީ. އެހެން ނޫންނަމަ އަޅުގަނޑުމެނަށް ލިބޭ ލާރިކޮޅުގެ އަގު ހަމަވެއްޓެމުން ވެއްޓެމުންދާނީ،" ފަޒީލް ނަޖީބް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައިވާއިރު ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.
ގައުމުގެ ހާލަތު މިހާ ހިސާބުގައި އޮތްއިރު އަދި "ވިޔާނުދާ" އޮނިގަނޑަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު ފުރަތަމަ އިސްލާހު ކުރަންޖެހެނީ އެކަން ކަމަށް ފެނެ އެވެ. ނޫނީ އަހަރަކުން އަހަރެއް ހަރަދުތައް ދާނީ އިތުރުވަމުންނެވެ. ފުރަތަމަ ކުރަންވީ ކަމަކީ އޮނިގަނޑު އިސްލާހު ކުރުމެވެ. ރައްޔިތުންގެ އަތުން ޓެކުސްތައް ނަގާނީ އޭގެފަހު އެވެ.