ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން އިއްޔެ ސޮއިކޮށްފި އެވެ.

ޓޫރިޒަމް ދާއިރާ އަށް 500 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓް ގެނައުމަށް އަމާޒުކޮށްގެން "ޑަޗް ޑޮކްލޭންޑް މޯލްޑިވްސް" އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އިއްޔެ ސޮއިކުރި އެ އެއްބަސްވުމަކީ ފްލޯޓިން ގޮލްފް ކޯހެއް ހެދުމަށް ނެދަލޭންސްގެ ޑަޗް ޑޮކްލޭންޑާ އެކު ސަރުކާރުން މިދިޔަ އަހަރުގެ މާޗް މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މާލެ އާއި ވަރަށް ކައިރިން ދޫކޮށްފައިވާ އެ ފަޅުތަކުގައި ފްލޯޓިން ޓެކްނޮލޮޖީ ނުވަތަ ބިން ނުހިއްކާ ފެންމަތީގައި އޮންނަ ގޮތަށް ވަކިވަކިން ތަރައްގީކުރާ ތަންތަނުގެ ތެރޭގައި ގޯލްފް ކޯސްގެ އިތުރުން ކޮންވެންޝަން ސެންޓަރަކާއި ރިސޯޓަކާއި ވޯޓާ ވިލާތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓަ މަރިޔަމް ޒުލްފާ ވިދާޅުވީ، ރާއްޖޭގައި ބައިނަލް އަގްވާމީ ފެންވަރަށް ތަރައްގީކުރާ 18 ވަޅުގެ ގޯލްފް ކޯސް އަކީ މުޅި ދުނިޔެއަށް ވެސް އަލަށް ތައާރަފްކުރެވޭ ކަމެއް ކަމަށެވެ.

"ގޯލްފް ކޯސްއަކީ އަދި ރާއްޖޭގައި ނެތް އެއްޗެއް. އަދި ޚާއްސަކޮށް ފްލޯޓިން ގޯލްފް ކޯސްއަކީ މުޅި ދުނިޔެއަށް ވެސް އެންމެ ފުރަތަމަ އަށް ތައާރަފްކުރެވިގެންދާ ފްލޯޓިން ގޯލްފް ކޯސް. ދުނިޔޭގެ ފެންވަރުގައި ވެސް ރާއްޖެއަށް ވަރަށް ބޮޑު އިސްތިހާރަކަށް އެކަން ވެގެންދާނެ،" މިނިސްޓާ ވިދާޅުވި އެވެ.

މިހާރު ހަމަޖެހިފައިވާ ވަނީ އެއް ފަޅުގައި 43 ވޯޓާ ވިލާ އެޅުމަށާއި އަނެއް ފަޅުގައި 250 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރުމަށް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް، މަސައްކަތް ފެށިގެން ކުރިއަށްދާއިރު ޕްރޮޖެކްޓަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހުރިހާ ތަނެއްގެ މަސައްކަތް ފަސް އަހަރު ދުވަހުގެ ތެރޭ ނިންމާލުމަށް ޑަޗް ޑޮކްލޭންޑް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ތެރެއިން ރިސޯޓުގެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް މި ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ފަސް ފަޅުގެ ބިމުން ވެސް ސަރުކާރަށް ކުލި ނަގާ ގޮތަށް ހަމަޖައްސާފައިވާ މި ޕްރޮޖެކްޓުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕައުލް އެޗްޓީއެމް ވެންޑީކެމް ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާކުރުމުގެ އިތުރަށް ގިނަ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި ފެންމަތީގައި ގޯލްފް ކޯހާއި ރިސޯޓާއި ވޯޓާ ވިލާތައް ތަރައްގީކުރާ އިރު ވީހާވެސް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެމަސައްކަތް ކުރިއަށްގެންދިއުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ޕައުލުވިދާޅުވި އެވެ.

ޑަޗް ޑޮކްލޭންޑަށް ދޫކޮށްފައި ވަނީ ކޮން ފަޅުތަކެއް ކަމެއް ޓޫރިޒަމް މިނިސްޓްރީއަކުން ނުބުނެ އެވެ. ނަމަވެސް، އެ ފަޅުތަކުގައި ތަރައްގީކުރާ ތަންތަނުގެ ކުރެހުންތަކެއް އެކުންފުނިން ވަނީ އިއްޔެ މީޑިއާއާ ހިއްސާކޮށްފަ އެވެ.