16 Nov 2014, 09:08
ވޮޝިންޓަން -- އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތަކުގެ ބޮޑުބައެއް ނުރައްކާތެރި މިންވަރަކަށް ހަލާކުވެފައިވާކަން ކަމާ ބެހޭ އޮޑިޓަކުން ހާމަވުމުން އެތަކެތި މަރާމާތު ކުރުމުގެ ޕްލޭނެއް އެކުލަވާލާނެކަން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ހާމަކޮށްފި އެވެ.
ޕެންޓަގަންއިން ބުނީ ހަލާކުވެފައިވާ ނިއުކްލިޔާ ހަތިޔާރުތަކުގެ ތެރެއިން ނައްތާލަން ޖެހޭ ހަތިޔާރު ނައްތާލައި މަރާމާތު ކުރަންޖެހޭ ހަތިޔާރު މަރާމާތު ކުރުމުގެ އިތުރުން އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުގެ މުޅި ނިޒާމް ހުރީ ރައްކާތެރި ޙާލަތެއްގައިކަން ކަށަވަރު ކުރުން މިޕްލޭންގައި ހިމެނޭކަމުގަ އެވެ. އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތަކުގެ ބޮޑުބައެއް ރޭޝިއޭޝަން ނުކުންނަ މިންވަރަށް ހަލާކުވެފައިވާ ކަމާއި އެތަކެތި ހަލާކުވެފައި ވަނީ އެތައް އަހަރެއްގެ އިހުމާލާއި ފަރުވާކުޑަކަމުގެ ނަތީޖާއެއްގެ ގޮތުންކަން ދާދިފަހުންކުރި އޮޑިޓްރިޕޯޓަކުން ހާމަވުމާ ގުޅިގެން ޕެންޓަގަންގެ މަސްއޫލުވެރިން ވަނީ ކަންބޮޑުވެ ވަޑައިގެންފަ އެވެ.
މިރިޕޯޓް ބުނާގޮތުން ފިނިހަނގުރާމައަށް ފަހު އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުގެ ނިޒާމު ވަނީ ވަރަށް ބޮޑު ފަރުވާ ކުޑަކުރުމަކާއި އިހްމާލަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ނިއުކްލިޔާ ހަތިޔާރު ހަލާކުވެފައިވުމުގެ އިތުރުން ނިއުކްލިޔާ ނިޒާމުގެ އިދާރީކަންކަމާއި ކޮމާންޑްގެ ކަންތައްތައް ވެސް ވަނީ ވަރަށް ބޮޑަށް ބޮއްސުންލައި އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ. މިރިޕޯޓަށް ފަހު އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ވިދާޅުވީ އެމެރިކާގެ ނިއުކްލިޔާ އައްޑަނައިގެ މުޅި ނިޒާމު އިސްލާޙުކުރަން ޖެހިފައިވާ ކަމަށާއި މިކަމަށް ޓަކައި 10 ބިލިޔަން އެމެރިކާ ޑޮލަރު އެކަށައަޅާނެ ކަމުގަ އެވެ.
ޕެންޓަގަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހޭގްލް ވިދާޅުވީ އެމެރިކާގެ ނިއުކްލިޔާ އައްޑަނައިގެ ހުރިހާ ހަތިޔާރުތަކެއް ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނާއި ގާބިލްކަމުގެ ގޮތުން އެންމެ ފުރިހަމަ ހާލަތުގައި ބަހައްޓަން ބޭނުންވާ ކަމަށާއި އަދި މިނިޒާމުގެ ކޮމާންޑާއި އިދާރީ ކަންކަން ވެސް އިސްލާޙް ކުރަންޖެހޭކަމުގަ އެވެ. މިކަމަށް ޓަކައި ކުރިޔަށް އޮތް ފަސްއަހަރު ތެރޭގައި 10 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ޕްލޭންކުރާއިރު މިކަމުގެ ސަބަބުން އެމެރިކާގެ ނިއުކްލިޔާ އިންވެސްޓްމަންޓްތަކުގެ މިންވަރު 10 އިންސައްތައަށް މައްޗަށް ދާނެ ކަމަށް ހޭގްލް ވިދާޅުވި އެވެ.
އެމެރިކާގެ ނިއުކްލިޔާ މުޅި ނިޒާމު އިސްލާޙުކުރުމަށް ޚާއްސަކޮށްގެން ޕެންޓަގަންއިން އިއްލާންކުރި ޕްލޭނަށް ކޮންގްރެސްއިން ވަނީ ހޫނު މަރްހަބާއެއް ކިޔާފަ އެވެ. ކޮންގްރެސްގެ ގިނަ މެންބަރުންތަކެއްވަނީ މިޕްރޮގްރާމް ތަންފީޒުކުރުން އަވަސްކުރުމަށް ގޮވާލައްވައި ވާހަކަ ދައްކަވާފަ އެވެ. އެމެރިކާގެ ނިއުކްލިޔާ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަވާ އެތައް ހާދިސާތަކެއް ދާދިފަހުން ހިނގާފައިވެ އެވެ. މިގޮތުން އެމެރިކާގެ ނިއުކްލިޔާ މިސައިލާ ބެހޭ ޑިޕާޓްމަންޓްގެ 9 އޮފްސަރަކު، މަކަރާއި އޮޅުވާލުމުގެ މައްސަލަތަކަކާ ގުޅިގެން މިދިޔަ މާޗްމަހު ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. އަދި މޮންޓަނާގައިވާ އެމެރިކާގެ މެލްސްޓްރޯމް ވައިގެ ބޭހުގައިވާ ނިއުކްލިޔާ މިސައިލްތަކާ ބެހޭ ވެރިޔާ ވެސް މިއަހަރު މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ.
މީގެއިތުރުން އެމެރިކާގެ ނިއުކްލިޔާ ނިޒާމުގައި މަސައްކަތްކުރާ އެތައް ބަޔަކަށް ނިއުކްލިޔާ ރޭޑިއޭޝަންގެ ސަބަބުން ސިއްޙީ ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓްތަކެއްވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ. (ރޮއިޓާސް)