16 Nov 2014, 09:01
ކުއިޒްލޭންޑް (ނޮވެމްބަރ 16) : އެމެރިކާގެ ޢަސްކަރީ ސްޓްރެޓީޖިކް ފޯކަސް ޔޫރަޕްގެ ބައްރުން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކޮށްފިކަން ކަށަވަރު ކޮށްދެއްވައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އޮސްޓްރޭލިޔާއަށް ވަޑައިގެން އެގައުމުގެ ކުއިޒްލޭންޑް ޔުނިވަރސިޓީގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އެމެރިކާ ސަމާލުކަންދޭ އަމަނާބެހޭ ކަންތައްތަކާއި ޢަސްކަރީ ސްޓްރެޓީޖިކް ފޯކަސް އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމާމެދު އެއްވެސް ފަރާތަކުން ޝައްކު ކޮށްގެންނުވާނެ ކަމުގަ އެވެ. އަދި އެމެރިކާގެ ޢަސްކަރީ ސްޓްރެޓީޖިކް ފޯކަސްއަށް މިގެނައި ބަދަލުގެ ސަބަބުން އެމެރިކާގެ ބައިވެރިންނަށް ކޮށްދޭން ޖެހޭ ކަންކަމުގައި އެމެރިކާ ފަސްނުޖެހޭނެކަން ވެސް ހުރިހާ ފަރާތްތަކުން ދަންނަންޖެހޭނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.
އެމެރިކާގެ ފޯކަސް އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކުރީ އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން އާދަޔާ ޚިލާފު ބާރުމިނެއްގައި ޗައިނާ ކުރިޔަށްދާ މައްސަލައާ ގުޅިގެންނެވެ. ޚާއްސަކޮށް ކުރީގެ ސޮވިއެޓް ޔުނިޔަންއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އޮތް ފިނިހަނގުރާމަ ނިމުމުންނާއި ދުނިޔޭގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައިއޮތް ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދުގެ ބަދަލުގައި ދުނިޔޭގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަރައްގީވަމުން ދިޔުމާ ގުޅިގެންނެވެ.
ނަމަވެސް ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ރަޝިޔާގެ ދެބަސްވުންތައްފަދަ ބޮޑެތި މައްސަލަތައް ޔޫރަޕްގައި އަލުން ވުޛޫދަށް އައުމުން އެމެރިކާގެ މައިގަނޑު ފޯކަސް އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ސާބިތުވެ ހުރެދާނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދެ އެވެ. އެމެރިކާ ގެންދަނީ ޔޫރަޕްގައިވާ އެމެރިކާ ސިފައިންގެ އަދަދު މަދުކޮށް އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރަމުންނެވެ. (ރޮއިޓާސް)