16 Nov 2014, 08:37
އެފްއޭ ކަޕްގެ ސެމީފައިންލުގައި ވެލެންސިޔާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މާޒިޔާއިން ކާމިޔާބު ކުރި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ރަނގަޅު ފޯމެއްގައި މާޒިޔާއިން ފެއްޓި މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑް ނަގާފައި ވަނީ މެޗުގެ 19 ވަނަ މިނެޓުގަ އެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ ބޮލުން ދިން ރީތި ޕާހަކުން ވެލެންސިޔާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލައި، އެ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭ ނައުމޯވް އެވެ.
އެ ލަނޑާއެކު ވެލެންސިޔާ ޕްރެޝަރަށް ވެއްޓިފައި ވާއިރު، މާޒިޔާގެ ކޮޅަށް މެޗު ބުރަވެގެން ދިޔައީ މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުމުންނެވެ. ވެލެންސިޔާގެ ޕެނަލްޓީ އޭރިއާ ތެރޭން އެ ޓީމްގެ އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާގެ ކެޕްޓަން އަސަދުﷲ އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ލިބުނު ޕެންލްޓީ ކާމިޔާބު ކޮށް، މާޒިޔާއަށް ލީޑް ފުޅާކޮށްދީފައި ވަނީ އަސަދުﷲ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިތާ އިރުކޮޅެއްތެރޭ ވެލެންސިޔާއިން އެ ޓީމްގެ ފުރަތަމަ ބަދަލު ފެނިގެން ދިޔަނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ނުވެފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ފެނިފައި ވަނީ ވެލެންސިޔާގެ ހާފްތެރޭ ގިނަ ވަގުތު ބޯޅަ އޮތް ތަނެވެ. ފަހު ވަގުތުކޮޅު މާޒިޔާއިން ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، އެ ޓީމަށް ވެސް ވަނީ އިތުރަށް ލީޑް ފުޅާ ކުރެވޭގޮތް ނުވެފަ އެވެ.
އެ ނަތީޖާއާއެކު އެފްއޭ ކަޕްގެ ފައިނަލްގައި މާޒިޔާ ވާދަ ކުރަން ޖެހޭނީ ނިއުރޭޑިއެންޓް ސްޕޯޓަސް ކްލަބާއެވެ. މި އަހުރުގެ ދިވެހި ލީގް އެންމެ ފަހު މެޗުގައި މިމަހުގެ ނުވަ ވަނަ ދުވަހު މި ދެޓީމް ބައްދަލުކޮށްފައި ވާއިރު، ނިއު ވަނީ ފަހަތުން އަރައި 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރު ކޮށްފައެވެ. މީގެ ކުރިން 11 ފަހަރު ނިއު އެފްއޭ މުބާރާތުގެ ތަށި އުފުލާލާފައި ވާއިރު، ދެ ފަހަރު އެފްއޭ ކަޕްގެ ފައިނަލް ކުޅުން މާޒިޔާއަށް މި ތަށި ކާމިޔާބު ކުރެވަފައި ވަނީ އެންމެ ފަހަރަކުއެވެ.