15 Nov 2014, 23:55
ވިލިމާލޭގައި، އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ހިތްހަމަ ނުޖެހިގެން އާއިލާ ދޫކޮށް ދުވެފައިގޮސް މޫދަށް ފުންމާލަށް މަސައްކަތްކުރި 13 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 8:20 އެހައިކަންހާއިރު ވިލިމާލޭގައި ހިނގި އެ ހާދިސާގައި މޫދަށް ފުންމާލަން މަސައްކަތް ކުރި އަންހެން ކުއްޖާ ސަލާމަތް ކޮށްފައި ވަނީ ވިލިމާލެ ނެރުބައްތި ސަރަހައްދުން ތޮށިގަނޑުމަތިން މޫދަށް ފުންމާލަނިކޮށް އެވަގުތު ވިލިމާލެ ބަނދަރު ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ ހަތަރު ފުލުހަކު ކުރި މަސައްކަތުން ކަމަށެވެ.
މޫދަށް ފުންމާލަން މަސައްކަތްކުރި ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ޕޮލިސް ކޯޕްރަލް އިބްރާހީމް ޝާހީން އާއި ޕޮލިސް ކޯޕްރަލް އާދަމް މުޙައްމަދު އާއި ޕޮލިސް ލާންސް ކޯޕްރަލް މޫސާ ނަދީފްގެ އިތުރުން ޕޮލިސް ކޮންސްޓަބަލް ނަވާޒް ޝަރީފް ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.