ރާއްޖޭގެ ބޮޑީ ބޯޑިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ އެންމެ ފަހު ބޮޑީ ބޯޑިންގް މުބާރާތް 'ސީ ގިއާ އަދަހުކުރު ގޮންޖެހުން 1436' ގެ ނަމުގައި މިއަދު ފަށައިފި އެވެ.

ހީޓް ތަކަކަށް ބަހާލައިން ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ ބުރުގެ ހީޓްތައް ރާޅުގަނޑު ސަރަހައްދުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުގައި ޖުމްލަ 30 މީހަކު ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސީގިއާ މޯލޑިވްސް އެވެ. އަދި މުބާރާތުގެ ކޯ ސްޕޮންސަރަކީ އެމްޔޫ ސްޓޯރުން ބާޒާރަށް ނެރެފައިވާ ސުޕަމޭން އެނާޖީ ޑްރިންކެވެ.

މިއަދު ކުރިއަށް ގެންދިޔަ މުބާރަތުގެ ފުރަތަމަ ހީޓްގައި ވާދަ ކުރި ރާޅާ އެޅުންތެރިންގެ ތެރެއިން އެއްވަނަ އަލީ ޝާމް ހޯދާފައި ވާއިރު، ދެވަނަ ހޯދާފައި ވަނީ ފައުޒާން އެވެ. ދެވަނަ ހީޓްގައި އެއްވަނަ ހޯދާފައި ވަނީ އަލީ ޚުޝްރުވާން އެވެ. އަދި މި ހީޓުގައި ދެވަނަ ހޯދާފައި ވަނީ އަޔާޒް އެވެ.

ފުރަތަމަ ބުރުގެ ތިންވަނަ ހީޓުގައި ޖާވިދު އެއްވަނަ ހޯދާފައި ވާއިރު، މި ހީޓްގައި ދެވަނަ ހޯދާފައި ވަނީ ޝިމާން އެވެ. ހަތަރުވަނަ ހީޓްގައި އެއްވަނަ ނާޒިމް ހޯދާފައި ވާއިރު، ދެވަނަ ހޯދާފައި ވަނީ އަރީޝް އެވެ. ފަސްވަނަ ހީޓްގައި އެއްވަނަ ހޯދާފއި ވަނީ ރަޔާން އެވެ. އަދި ދެވަނަ ހޯދާފައި ވަނީ ނަބީލްއެވެ. ހަވަނަ ހީޓްގައި އެއްވަނަ އިމާދު ހޯދާފައި ވާއިރު، ދެވަނަ ހޯދާފައި ވަނީ އިރުފާން އެވެ.

ފުރަތަމަ ބުރުގެ ހަތްވަނަ ހީޓްގައި އެއްވަނަ އާއި ދެވަނަ ނަދީމް އާއި އިހުސާން ހޯދާފައި ވާއިރު، މިއަދުގެ އެންމެ ފަހު ހީޓްގައި އެއްވަނަ އާއި ދެވަނަ ހޯދާފައިވަނީ އީލާފް އާއި ޒަކީ އެވެ.

ޓޫ ސްޓާ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތް އެމްބީބީއޭއިން ވަނީ މިދިޔަ ތިން އަހަރުވެސް ބާއްވާފައެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ މޫޝާން އަދުނާން މޫސާ (ގޫފީ) އެވެ.

މިއަހަރުގެ ތެރޭ އެމްބީބީއޭ އިން އިންތިޒާމް ކޮށްގެން އިތުރު ތިން މުބާރާތެއް ކާމިޔާބުކަމާއެކު ބާއްވާފައި ވާއިރު، އޭގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތެއް ކަމަށްވާ 'މޯލްޑިވްސް އޯޕަން 2014' ވެސް ހިމެނެއެވެ. މި ތިން މުބާރާތުން ޖުމްލަ 4350 ޕޮއިންޓާއެކު އެމްބީބީއޭ ރޭންކިންގް 2014 ގެ ތާވާލްގެ އެންމެ ކުރީގައި އޮތީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ގޫފީ މުޅިއަކު 2250 ޕޮއިންޓާއެކު މިއަހަރުގެ ތާވަލްގެ ތިންވަނައިގައި އޮތްއިރު، ތާވަލްގެ ދެވަނައިގައި 3350 ޕޮއިންޓާއެކު އޮތީ މި މުބާރާތް މީގެ ކުރިން ކާމިޔާބު ކޮށްފައިވާ އަލީ ޝާމް ރާފިއު (ޝާމް) އެވެ.