ސުކޫލުތަކުގެ އާޓް އެގްޒިބިޝަން މިއަދު ހުޅުވައިފި އެވެ.

"އާޓް ސޯލް އޮފް އިމޭޖިނޭޝަން" ގެ އެ އެގްޒެބިޝަން ހުޅުވާފައި ވަނީ މިއަދު ހަވީރު ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.

މި އެގްޒިބިޝަނަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ކުރެހުމުގެ ހުނަރު ދައްކާލުމުގެ ގޮތުން ހުޅުވި އެގްޒިބިޝަނެ ކެވެ. މި އެގްޒިބިޝަންގައި ޖުމްލަ 20 ސުކޫލަކުން 450 ކުރެހުން ބައިވެރިކޮށްފައި ވެއެވެ.

އެގްޒެބިޝަންގައި ބައިވެެރިވި ސްކޫލްތަކަށް އެ ރަސްމިއްޔާތުގައި ހަނދާނީ ފިލާދީފައިވެއެވެ. އެގްޒެބިޝަންގައި ބައިވެރިވެފައި ވަނީ ބ. ދޮންފަނު ސްކޫލާއި ސ. ފޭދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އިމާދުއްދީން ސްކޫލާއި ސެންޓަ ފޮރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އާއި މުހުޔުއްދީން ސްކޫލާއި ޣާޒީ ސްކޫލާއި އިސްކަންދަރު ސްކޫލާއި ކ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަމާލުއްދީން ސްކޫލާއި ގދ. ތިނަދޫ ސްކޫލާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި މަދަރުސަތުއް ޝައިޚު މުހައްމަދު ޖަމާލުއްދީން ސްކޫލެވެ.

އާޓް އެގްޒިބިޝަންގައި ބައިވެރިވި ސްކޫލަކަށް ޑިފެންސް މިނިސްޓަރު ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ: އާދަމް ނަޒީރު
އެގްޒިބިޝަން ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަފުޅުގައި ސުކޫލު ތަކުގައި ކިޔަވާ ދަރިވަރުންގެ ޚިޔާލާއި ފިކުރަށް އަންނަ ކަންކަން ބަލައި ގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ސުކޫލު ދަރިވަރުން، އެދަރިވަރުންގެ ޚިޔާލަށް އަންނަ ކަންކަން އަދި އެދަރިވަރުންގެ ހުނަރު އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއަށް ކުދިންގެ ޚިޔާލާއި ފިކުރަށް އަންނަ ކަންކަން ބަލައިގަންނަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުން ކުރަހާފައިވާ ކުރެހުންތަކަކީ ރާއްޖޭގެ މާހައުލާ ގުޅުންހުރި ކުރެހުންތަކެއް ކަމަށާއި އެއީ ކިޔެވުމުގެ މާހައުލުންނާއި މައިންބަފައިންގެ ފަރާތުންނާއި އަދި ޓީވީ ޕްރޮގުރާމްތަކުގެ ޒަރިއްޔާއިން ލިބިފައި ހުރި ހުނަރުތަކެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ސުކޫލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.