އަޙުމަދު މާޖިދު

ޓިޔުނީޝިއާގެ ޚުދުމުޚުތާރު ރައީސް ޒައިނުލްޢާބިދީން ބިން ޢަލީއާ ދެކޮޅަށް ގެނެވުނު އިންގިލާބު މިހާރު މަޝްހޫރުވެފައި ވަނީ "ހުވަނދުމާ އިންގިލާބު" ގެ ނަމުންނެވެ. މި އިންގިލާބުގެ މީރު ވަސް ޢަރަބި ދުނިޔޭގެ އެތައް މިލިއަން ރައްޔިތުންނަށް ވެސް ކަމުދާނެ ކަމަށާއި، ޓިޔުނީޝިއާގެ ރައްޔިތުން ހިނގި މަގުން އެ މީހުންގެ އަޚުން ލަސްތަކެއް ނުވެ ހިނގަން ފަށާނެކަމަށް ކުރީން ވެސް އޮތީ ބެލެވިފައެވެ. މިއީ ގޯސް ލަފައެއް ނޫން ކަން މިހާރު ޢަރަބި ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ސާބިތުވެއެވެ.

މުބާރަކު ފައިބާ!

ޓިޔުނީޝިއާގެ އިންގިލާބަށް ފަހު އަނިޔާވެރިކަމާއި ޚުދުމުޚުތާރިއްޔަތާ ދެކޮޅަށް އެންމެ ވަރުގަދަ ޙަރަކާތްތަކެއް ފެށިފައި ވަނީ މިސުރުގައެވެ. މި މަހުގެ 25 ވަނަ ދުވަހު މިސުރުގެ ޤާހިރާގައްޔާއި، ބޮޑެތި އެހެން ބައެއް ޝަހަރުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ރައީސް ޙުސްނީ މުބާރަކުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފެށިއެވެ. މިސުރުގައި ބަންދު ދުވަހެއް ކަމުގައިވާ ޖެނުއަރީ 25 މި ފަހަރު ރައްޔިތުން ފާހަގަކުރީ "ރުޅިވެރިކަމުގެ ދުވަހު" ގެ ގޮތުގައެވެ. އެއީ ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ނިގުޅައިގެން އޮތް ސަރުކާރާ މެދު އެ މީހުންގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމެވެ. އެ ދުވަހު ސަރުކާރުން ރައްޔިތުން ޢާއްމު ތަންތާނގައި އެއްވެއުޅުން މަނާކުރި ނަމަވެސް، މުޒާހަރާތަކުގެ ސިލްސިލާ އަދިވެސް ދަނީ ކުރިޔަށެވެ. ޤާހިރާގެ މައިދާނުއް ތަޙްރީރު ފަދަ ސަރަޙައްދުތަކަށް އެއްވާ ރައްޔިތުން ގެންދަނީ ޖެހިލުމެއް ނެތި "ސަލާމަތީ" ބާރުތަކާ ކުރިމަތިލައި، އެ މީހުންގެ ހިތްވަރު ވެސް ޓިޔުނީޝިޔާގެ ހިތްވަރަށް ވުރެ ބަލި ނޫން ކަން ސާބިތުކުރަމުންނެވެ.

ޓިޔުނީޝިއާގެ "ހުވަނދުމާ އިންގިލާބާ" ގުޅިގެން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ މުޒާހަރާތައް އިންތިޒާމުކުރުމާއި، މިނިވަންކަމުގެ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތާއި ފޮޓޯތަކާއި ވީޑިއޯތައް ޢާއްމުކޮށް، ޙިއްސާކުރުމަށްޓަކައި އިންޓަރނެޓް ބޭނުންކުރެވުނު މިންވަރެވެ. ޚާއްސަ ގޮތެއްގައި ފޭސްބުކާއި، ޓްވިޓަރާއި ބްލޮގް ފަދަ އިޖުތިމާޢީ ވިޔުގަތަކާއި މަންސާތައް ބޭނުންކުރެވުނު މިންވަރެވެ. މުޅި ގައުމުގެ މީޑިޔާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް އެ މީހުންގެ ޙަރަކާތްތައް އިންތިޒާމުކޮށް، އެއް ބަޔަކު އަނެއް ބަޔަކާ މުއާސަލާތުކޮށް، މައުލޫމާތު ފެތުރުމަށްޓަކައި ބޭނުންކުރަން ލިބުނު އެންމެ އެކަށޭނަ ވަސީލަތަކީ އިންޓަރނެޓެވެ. އެ ވަސީލަތް ޓިޔުނީޝިއާގެ ރައްޔިތުން ވަރަށް ފުރިހަމަޔަށް ބޭނުންކުރިއެވެ. އެ މީހުންގެ ނަމޫނާއިން ފިލާވަޅު ލިބިގެން، މުބާރަކާ ދެކޮޅު ޙަރަކާތްތަކުގައި މިސުރުގެ ރައްޔިތުން ވެސް ގެންދަނީ މި "ހަތިޔާރު" ކޮންމެވެސް ވަރަކަށް ބޭނުންކުރަމުންނެވެ.

މިސުރުގެ ރައްޔިތުން އެ މީހުންގެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ނުކުތުމާ އެކު ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ފުލުހުން ނެރުނެވެ. އިސްލާމް ދީނާ ޚިލާފު އެހެން ކޮންމެ ސަރުކާރެކޭ ވެސް އެއް ފަދައިން، މިސުރުގެ ސަރުކާރުން ވެސް ގައުމުގެ ފުލުހުންނާއި ސިފައިން ތަމްރީނުކޮށްފައި ތިބެނީ މާތްރަސްކަލާނގެއާއި އެ ކަލާނގެ އަޅުތަކުންނަށް ލޯބިކޮށް، ދީނާއި ރައްޔިތުންގެ ދިފާޢުގައި ޖިހާދުކުރުމުގެ ބަދަލުގައި، ހެވެއް ނުބައެއް، ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި ސަރުކާރުގެ "އޯޑަރަށް" ބޯލެނބުމުގެ ފިކުރުން ސިކުނޑި ދޮވެލައިގެންނެވެ. އެހެންކަމުން މުބާރަކުގެ "އޯޑަރު" އައުމާއެކު، މިސުރުގެ ފުލުހުން ވަނީ "ރަޔަޓް ގިއަރު" ގައި ނިކުމެ ރައްޔިތުންގެ ގަޔަށްބޮލަށް އަރަން ފަށާފައެވެ. "ޓެރަރިސްޓުން" ނުވަތަ "ހަމަނުޖެހުން ހިންގާ ފަރާތްތައް" ނުވަތަ "ޤައުމީ ސަލާމަތަށް ނުރައްކާކުރާ މީހުން" ފަދަ ހުތުރު ނަންތައް ރައްޔިތުންނަށް ދޭން ފަށައިފައެވެ. ފުލުހުންގެ ޙަމަލާތަކުގައި މިހާތަނަށް ރައްޔިތުންގެ ހައެއްކަ މީހުން މަރުވެފައި ވާ އިރު، 800 އަށް ވުރެ ގިނަ މީހުން ވަނީ ޖަލުގެ އަނިޔާގެ ގޮޅިތަކަށް ގެންދެވިފައެވެ. ބޮޑު ވަޒީރު އަޙުމަދު ނަޡީފް ރައްޔިތުންނަށް އިންޒާރުދެއްވި ގޮތުގައި "ޤައުމީ ސަލާމަތަށް ނުރައްކާކުރާ މީހުންނާ ދެކޮޅަށް ފުލުހުން ވަރަށް ހަލިކޮށް، ވަރަށް ހަރުކަށި ފިޔަވަޅު އަޅާނެ" އެވެ. ނަމަވެސް މި ފަދަ އިންޒާރުތަކުގެ ނަތީޖާއެއް ނުނުކުމެ، ރައްޔިތުންގެ މުޒާހަރާތައް ދަނީ ހުއްޓުމެއް ނެތި ކުރިޔަށެވެ.

ކާމިޔާބު އިންގިލާބެއް ގެނައުމަށް ޓަކައި ޓިޔުނީޝިޔާގެ ރައްޔިތުން އިންޓަރނެޓް ބޭނުންކުރި ގޮތަށް، މިސުރުގެ ރައްޔިތުން އިންޓަރނެޓް ބޭނުންކުރިޔަ ނުދޭން ވެސް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެމެރިކާގެ ސެން ފްރޭންސިސްކޯގައި ހުންނަ ޓްވިޓަރ އިންކޯރޕޮރޭޝަނުން ބުނާ ގޮތުގައި މިސުރުގައި މިހާރު ޓްވިޓަރ ވެބްސައިޓް ވަނީ ބްލޮކްކޮށްފައެވެ. ފޭސްބުކް އަދި ބްލޮކްކޮށްފައި ނުވިޔަސް، މިސުރުގައި ފޭސްބުކް ބޭނުންކުރާ ބައެއް މީހުން އެ މީހުންގެ އެކައުންޓްތައް ބްލޮކްކޮށްފައިވާ ކަމުގެ ޝަކުވާތައް ހުށަހަޅާފައި ވެއެވެ.

ކޮންމެއަކަސް، ޓިޔުނީޝިއާގެ "ހުވަނދުމާ އިންގިލާބު" ގެ ވަސް މިސުރުގެ ރައްޔިތުންނަށް ވެސް ފިސާރި ކަމުދިޔަ ކަމުގެ ހުރިހާ ކުލަވަރުތަކެއް ދަނީ ފެންނަމުންނެވެ. 30 އަހަރު ވަންދެން ގައުމު "ސްޓޭޓް އޮފް އިމަރޖެންސީ" ނުވަތަ "ކުއްލި ނުރައްކަލުގެ ޙާލަތު" ގައި ބާއްވަވައިގެން، އެތައް ޤާނޫނުތަކެއް ތައުލީގުކުރައްވައި، އާދަޔާ ޚިލާފު އެތައް ބާރުތަކެއް ހޯއްދަވައިގެން ވެރިކަން ކުރައްވާ މުބާރަކާ ދެކޮޅަށް މި ފަހަރު އެ މީހުން ނިކުތީ ދޭތިން އެކައްޗަށް ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް، އަދި މިސުރުގެ އެއްމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓް ކަމުގައިވާ ޢަމްރު މޫސާގެ ޢިބާރާތުން ދަންނަވާ ނަމަ، މިސުރުގެ ރައްޔިތުން ތިބީ "ވަރަށް ބޮޑަށް މާޔޫސް ވެ، ވަރަށް ބޮޑަށް ރުޅި އައިސްފަ" އެވެ. އެ މީހުންގެ ގޮވުމަކީ "ގޭމު ނިމިއްޖެ، ދެން މުބާރަކު ފައިބާ!" މިއެވެ.

ސިޔާސީންނާއި ކެޕިޓަލިސްޓުންނާއި ރައްޔިތުން

ރައްޔިތުން މާޔޫސްވެ، ރުޅިގަދަވާން ޖެހޭ އެންމެ މުހިއްމު ސަބަބުތަކަކީ ސަރުކާރުގެ އިހުމާލާއި، އަމިއްލަ އެދުމާއި، އަނިޔާވެރިކަމުގެ ސަބަބުން ދިރިއުޅުން ބޮޑު ބުރައަކަށް ވެގެން ދިޔުމެވެ. ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ނެތިގެން ދިޔުމެވެ. މިސުރަކީ މީގެ އެންމެ ރީތި އެއް މިސާލެވެ. ގައުމުގެ ވިރާސީ ރަސްކަން 1952 ވަނަ އަހަރު ވައްޓާލެވުނުތާ ބައި ގަރުނު ފާއިތުވެގެން ދިޔަ އިރު، ރައްޔިތުންނަށް ތަޖުރިބާކުރަން ޖެހިފައި ވަނީ މުޅީންވެސް ގޮށްމުށު ބާރެވެ. ވެރިކަމުގެ ގޮނޑީގައި އަބަދުވެސް އިންނަނީ އަނިޔާވެރި ޑިކްޓޭޓަރެކެވެ. އެންމެ ފުރަތަމަ މުޙައްމަދު ނަޖީބެވެ. ދެން ޖަމާލު ޢަބްދުއްނާސިރެވެ. ދެން އަންވަރުއް ސާދާތެވެ. އެއަށްފަހު ޙުސްނީ މުބާރަކެވެ.

ނަވަރާސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރެއަށް އައިއިރު މިސުރުގެ އިގުތިސާދުގެ މުގޫ އޮތީ ޕަބްލިކް ސެކްޓަރުގައެވެ. ގައުމުގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާގައި ނަގާކިޔަމުން ގެންދިޔައީ ސަރުކާރަށް މިލްކުވެރިކަން އޮންނަ ކުންފުނިތަކާއި އިދާރާތަކެވެ. ނަމަވެސް އެއިރުގެ ރައީސް އަންވަރުއް ސާދާތު މި ސިޔާސަތު ބަދަލުކުރެއްވިއެވެ. "ޕްރައިވެޓައިޒޭޝަން" ގެ ސިލްސިލާއެއް ފައްޓަވައި، އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާ ފައިސާވެރި ކެޕިޓަލިސްޓުންނަށް ދޫކުރަން ފެއްޓެވިއެވެ. އެއީ ދުނިޔޭގެ "ރިބާ މެޝިން" ހިންގާ ވޯރލްޑް ބޭންކާއި އައިއެމްއެފް ފަދަ ހުޅަނގުގެ ޖަމްޢިއްޔާތަކުގެ ލަފަޔާ އެއްގޮތަށެވެ. މުބާރަކު ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ވެސް ސާދާތުގެ ސިޔާސަތު ދެމެހެއްޓެވިއެވެ. ޕަބްލިކް ސެކްޓަރ ކުޑަކުރައްވައި، ގައުމުގެ އިގުތިސާދުގެ ލަގަން ކެޕިޓަލިސްޓުންނަށް ދޫކުރެއްވިއެވެ. ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން ގައުމުގެ މުއްސަނދިކަމުގެ މިލްކުވެރިކަން މަދު ޢަދަދެއްގެ ކެޕިޓަލިސްޓުންގެ އަތްމައްޗަށް ދިޔައެވެ. އެހެންކަމުން މި ސިޔާސަތުގެ ހުރިހާ ފައިދާއެއް ކުރީ އެ މީހުންނަށެވެ. އޭގެ ސަބަބުން ނިކަމެތި ރައްޔިތުންނަށް ލިބުނު ލުޔެއް، ފަސޭހައެއް، ހެވެއް، މޮޅެއް ނެތެވެ.

ގައުމުގެ މުއްސަނދިކަން މުބާރަކުގެ ގާތް ކެޕިޓަލިސްޓުންނަށް ލިބުމަށް ފަހު އެބައިމީހުންގެ އެޖެންޑާއަކީ ރިބާގެ ނިޒާމު ދެމެހެއްޓުމާއި، ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި ހުޅަނގުގެ ޤައުމުތަކާ އެކު ވިޔަފާރިކުރުމާއި، މިލިއަނުން ފައިސާ ޖަމާކުރުމެވެ. ރައްޔިތުންނަށް ޖެހުނީ ތެޔޮހާނާ ގެރިތަކެއް ފަދައިން ކެޕިޓަލިސްޓުންނަށް މަސައްކަތްކޮށްދީފައި، ކުޑަކުޑަ މުސާރަކޮޅަކުން ފުއްދާލައިގެން އުޅޭށެވެ. "އިގުތިސާދީ އަޅުން" ގެ ދަރަޖަ ގަބޫލުކުރާށެވެ. މި ނިޒާމުގައި މުބާރަކުގެ ސަރުކާރަށް ކެޕިޓަލިސްޓުންގެ ފުރިހަމަ ތާއީދު އޮވެއެވެ. އެހެނީ ސަރުކާރުން ގެންދިޔައީ ޕަބްލިކް ސެކްޓަރުގައި ކުރެވިފައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ނުއަގުގައި އެ މީހުންނަށް ވިއްކަމުންނެވެ. ރައްޔިތުން ފިއްތައި، ކެޕިޓަލިސްޓުންގެ އަންބޮނޑި ވީހައި ވެސް ބޮޑަށް ފުރާލެވޭނޭ ގޮތްގޮތަށް ބައްޓަންކުރެވިފައިވާ ޤާނޫނުތައް ހަދައި، ފާސްކޮށް، ހިންގަމުންނެވެ. އާޚިރުގައި ގައުމު ވެގެން ދިޔައީ ފަސާދަވެފައި ތިބޭ ސިޔާސީންނާއި ފައިސާއާ ހެދި ބޫތުކައިފައި ތިބޭ ކެޕިޓަލިސްޓުންގެ އަމިއްލަ މުދާގަނޑަކަށެވެ. ރައްޔިތުންގެ މަޖިލިސް ވެގެން ދިޔައީ "މިލިއަނަރުންގެ މަޖިލީހަކަ"ށެވެ. 2005 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިސުރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 20 އިންސައްތަ އަކީ ކެޕިޓަލިސްޓް މިލިއަނަރުންނެވެ. ބާކީ ތިބި ގިނަ މެންބަރުންނަކީ ކެޕިޓަލިސްޓުންގެ "އަތްދަށު ކޮއިން" ނެވެ. އެވެރީންގެ "ކޯޑް އޮފް ކޮންޑަކްޓް" ގެ އަސާސަކީ ތިމާމެންގެ ބާރާއި މުއްސަނދިކަން ދެމެހެއްޓުމާއި، ތިމާމެންގެ ހުތުރު "ގޭމު"ގެ ހަގީގީ މޫނު ފޮރުވުމަށްޓަކައި ރައްޔިތުން ކަނުކޮށްފައި ބެއިތިއްބުމާއި، ރައްޔިތުންނަށް ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވައިލުމެވެ.

ޒަމާންތަކަކަށް ފަހު މިސުރުގެ ރައްޔިތުން ވެސް ތެދުވީ މި އަނިޔާވެރިކަމާ ދެކޮޅަށެވެ.

ތަފާތު ދެ މުޖުތަމަޢެއް

މި ދަނޑިވަޅުގައި އުފެދޭ އެންމެ މުހިއްމު ސުވާލަކީ ޓިޔުނީޝިއާގެ ރައްޔިތުން އިންގިލާބުގެ މަގުގައި ހޯދި ފަދަ ކާމިޔާބެއް މިސުރުގެ ރައްޔިތުންނަށް ވެސް ހޯދިދާނެ ބާވައޭ މިއެވެ. ބިން ޢަލީ އެކޭ އެއްފަދައިން މުބާރަކު ފައްސައިލެވިދާނެ ބާވައޭ މި ސުވާލެވެ.

މިސުރަކީ ޓިޔުނީޝިޔާއާ ވަރަށް ތަފާތު ޤައުމެކެވެ. 10 މިލިއަނެއް ހައި މީހުން ދިރިއުޅޭ ކުޑަކުޑަ ޓިޔުނީޝިޔާއާ ޚިލާފަށް، މިސުރަކީ 79 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ބިޔަ ޤައުމެކެވެ. ޓިޔުނީޝިޔާއަކީ 99 އިން ސައްތަ މުސްލިމް ޤައުމެކެވެ. އާބާދީގެ 98 އިން ސައްތައަކީ ޢަރަބި، ނުވަތަ ޒަމާނުއްސުރެ ޢަރަބި ބަހުން ވާހަކަދައްކާތީ ޢަރަބީންގެ ގޮތުގައި ބެލެވޭ މީހުންނެވެ. ދެން އުޅެނީ ވަރަށް މަދު ޢަދަދެއްގެ ޔަހޫދީންނެވެ. އެއާ ޚިލާފަށް، މިސުރަކީ ނަސްލީ ގޮތުން ބެލިޔަސް އަދި ދީނީ ގޮތުން ބެލިޔަސް ޓިޔުނީޝިޔާއަށް ވުރެ "ޑައިވަރސް" ނުވަތަ މަތުނޫޢު މުޖުތަމަޢެކެވެ. ޤައުމުގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 91 އިންސައްތައެވެ. އާބާދީގެ 9 އިން ސައްތައަކީ ކްރިސްޓިއަނުންނެވެ. ނަސްލީ ގޮތުން ބަލާ އިރު މިސުރުގައި ޢަރަބީންނާއި، ޤިބުޠީންނާއި، އަދި ކޮންމެވެސް ވަރަކަށް ނޫބިއަނުންނާއި ޔޫނާނީން ވެސް ހިމެނެއެވެ.

މި ފަދަ ގޮތަކަށް ޤައުމުގެ އިޖުތިމާޢީ ސޫރަ އޮތް އިރު، ވިސްނާލަން ޖެހޭ އެންމެ މުހިއްމު އެއް ނުކުތާއަކީ މިސުރަކީ ޓިޔުނީޝިޔާއާ ޚިލާފަށް، ނަސްލީ އަދި ދީނީ ދެކޮޅުވެރިކަމާއި ހަމަނުޖެހުން އޮންނަ ޤައުމެއް ކަމެވެ. ޓިޔުނީޝިޔާއަށް ވުރެ މިސުރުގެ ޢާއްމު ރައްޔިތުންގެ ހެއިލުންތެރިކަން ވެސް ނިސްބަތުން ކުޑައެވެ. މިސުރުގައި ދީނީ ޢިލްމުގެ ބޮޑެތި މަރުކަޒުތައް ހުރެފައި، ދީނީ ޢިލްމުވެރީން ގިނަ ނަމަވެސް، ޢާއްމު ރައްޔިތުންގެ ތެރޭގައި ޢިލްމުގެ އަލިކަން އެދެވޭ މިންވަރާ ގާތަށް ވެސް ފެތުރިފައެއް ނުވެއެވެ. ދީނީ ޢިލްމުވެރީންގެ ގޮތުގައި ޢާއްމުންގެ ކުރިމައްޗަށް ނިކުމެ ތިބި ގިނަ މީހުންނަކީ ސަރުކާރުގެ ބައިވެރީންނެވެ. ސަރުކާރު އެދޭ ގޮތަކަށް ދީނީ ފަތުވާތައް ނެރޭ މީހުންނެވެ. އެފަދަ "ޢިލްމުވެރީން" ގެ ފަތުވާތަކާއި، ސަރުކާރުގެ ޕްރޮޕެގެންޑާގެ ސަބަބުން ރައްޔިތުން މިއަދާ ހަމަޔަށް ވެސް ތިބީ ހަދަން ވީ ގޮތް އޮޅި، ހިތްވަރު އެލިފައެވެ. ހަމަ އެހެންމެ، މިސުރުގައި އިންޓަރނެޓް ފަދަ މި ޒަމާނުގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު ވެސް ވަރަށް ދަށެވެ. ޓިޔުނީޝިޔާގައި ގެނެވުނު އިންގިލާބު ކާމިޔާބުވުމުގައި އެންމެ މުހިއްމު އެއް ހަތިޔާރަކަށް އިންޓަރނެޓް ވެގެން ދިޔައީ ގައުމުގެ 10 މިލިއަން ރައްޔިތުންގެ ތެރެއިން 3.6 މިލިއަން މީހުންނަކީ އިންޓަރނެޓް ބޭނުންކުރާ މީހުން ކަމުގައި ވާތީއެވެ. ފޭސްބުކާއި ޓްވިޓަރާއި ބްލޮގް ފަދަ، އިޖުތިމާޢީ ގުޅުންތައް ގާއިމުކޮށްދޭ ވިޔުގަތަކާއި މަންސާތަކުގެ ބޭނުން އެދެވޭގޮތުގައި ހިފުނީތީއެވެ. ނަމަވެސް މިސުރުގައި މިފަދަ ވަސީލަތްތައް އެހައި އެދެވޭ ގޮތެއްގައި ބޭނުންކުރެވިދާނެ ބާވައޭ މިއީ އުފެދޭ ސުވާލެކެވެ. މި ކަހަލަ ބައެއް ކަންތައްތަކާ ހުރެ، ޓިޔުނީޝިޔާގެ ރައްޔިތުންގެ އިންގިލާބީ ޙަރަކާތަށް ލިބުނު ފަދަ ކާމިޔާބެއް މިސުރުގެ ރައްޔިތުންގެ އިންގިލާބަށް ލިބިދާނެކަމަށް އުއްމީދުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ބައެއް މުޙައްލިލުން ވިދާޅުވެއެވެ.

ކޮންމެއަކަސް، މިސުރުގެ ރައްޔިތުން އެ ތިބީ ޚުދުމުޚުތާރިއްޔަތާ ދެކޮޅަށް ތެދުވެއެވެ. މިހާރު ޤައުމުގެ ކަންކޮޅުތަކުން ފެންނަމުން ދަނީ މީގެ ހައެއްކަ ހަފުތާ ކުރީން ޓިޔުނީޝިޔާގެ މަގުތަކުން ފެނިގެން ދިޔަ މަންޒަރުތަކާ އެއްފަދަ މަންޒަރުތަކެކެވެ. ރައްޔިތުން ފެށި މި ހަލަނބޮލި ދަތުރުގެ ނިމުން އަންނާނީ ކިހިނެއް ކަން ލަފާކުރަން އަދި މާ އަވަހެވެ. އެހެންކަމުން މި ވަގުތަށް އޮތީ ހެޔޮ ދުޢާކުރުމާއި، ހިތްވަރާއި މިންނަތުގެ މަގުގައި ކުރިޔަށް ދިޔުމާއި، އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ބެލެހެއްޓުމެވެ.