15 Nov 2014, 16:46
ޔޫރަޕިއަން ޗެންޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލް ކޮށްފި އެވެ.
ރޮނާލްޑޯ އެ ރިކޯޑް ހާސިލް ކޮށްފައި ވަނީ ޔޫރަޕިއަން ޗެންޕިއަންޝިޕް ކޮލިފިކޭޝަން މެޗުތަކުގެ ތެރޭން ރޭ ޕޯޗުގަލް އާއި އާމީނިއާ ބައްދަލުކުރި މެޗުގަ އެވެ. މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޕޯޗުގަލަށް ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯ އެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ މުޅިއަކު 23 ލަނޑު އީސީ ޗެންޕިއަންޝިޕްގައި ކާމިޔާބު ކޮށްފަ އެވެ.
އެ ރިކޯޑް މީގެ ކުރިން އޮތީ ޑެންމާކްގެ ޖޯން ޑަލް ޓޮމަސަން އަތުގައެވެ. އޭނާ 1998 އިން 2007 އަށް ކުޅުނު 31 މެޗުގައި މުޅިއަކު 22 ލަނޑު ކާމިޔާބު ކޮށްފައި ވާއިރު، ރޮނާލްޑޯ ވަނީ 2004 އިން ފެށިގެން މިހާތަނަށް ޕޯޗުގަލަށް ކުޅެދިން 37 މެޗުގެ ތެރޭގައި 23 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރޭ ކުޅުން މެޗުގައި ޕޯޗުގަލް ދަނޑު ޑޮމިނޭޓް ކޮށްފައި ވާއިރު، އެ ޓީމަށް އެ ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 72 ވަނަ މިނެޓުގަ އެވެ. އެ ކާމިޔާބީއާއެކު ޕޯޗުގަލް އީސީ ކޮލިފިކޭޝަންގެ ގްރޫޕް 'އައި' ގެ ތާވަލްގައި ހަ ޕޮއިންޓާއެކު ދެ ވަނަ މަގާމަށް ޖެހިލާފައި ވާއިރު، ތާވަލްގެ އެއްވަނައިގާ ހަތް ޕޮއިންޓާއެކު އޮތީ ޑެނަމާކް އެވެ.
ޗެންޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަ ކުރަމުން އަންނަ ރޮނާލްޑޯ އެ ލީގްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި، 70 ލަނޑާއެކު ހިމެނިފައި ވަނީ ތިން ވަނައިގަ އެވެ. އެ ލިސްޓުގެ ދެ ވަނައިގާ 71 ލަނޑާއެކު ކުރީގެ ޕޯޗުގަލްގެ ތަރި ރާއުލް އޮތް އިރު، 71 ލަނޑާއެކު މިހާރު ތާވަލްގެ އެއް ވަނަ މަގާމް ހާސިލްކޮށްފައި ވަނީ ބާސެލޯނާގެ ތަރި ލައޮނަލް މެސީ އެވެ.