15 Nov 2014, 15:17
ރާއްޖޭގެ ވިޔަފާރިތަކާއި ގުޅިގެން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މެލޭޝިއާގެ އިންވެސްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފަޔާޒު މިއަދު "ސަން"އަށް ވިދާޅުވީ މެލޭޝިއާގައި ހުންނަ ޗައިނީސް ޗެންބާ އޮފް ކޮމާސްގެ ޗައިނީސް ދަރިކޮޅަށް ނިސްބަތްވާ 17 އިންވެސްޓަރަކު މިއަދު ރާއްޖެ އައި ވަފުދުގައި ހިމެނޭ ކަމަށެވެ. އެ އިންވެސްޓަރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވަފުދުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރުމާއި ގެސްޓް ބުޓިކްސް ހިންގަން ބޭނުންވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން ދާއިރާގައި އިންވެސްކުރަން ބޭނުންވާ ފަރާތްތަކާއި އެކްސްޕޯޓް އަދި އިމްޕޯޓްކުރަން ބޭނުންވާ ފަރާތްތަކާއި މަސްވެރިކަމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރިތަކަށް ޝަގުވެރިވާ ފަރާތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަަޔާޒު ވިދާޅުވީ މެލޭޝިއާ އިން އައި އެ ވަފުދު ރާއްޖޭގައި ތިން ދުވަހު މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޗެންބާ އޮފް ކޮމާސް އާއި ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓަރާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިންވެސްޓަރުން ބޭނުންވަނީ ރާއްޖޭގެ ވިޔަފާރިވެރިންނާ ގުޅިގެން ވިޔަފާރިތަކަށް އިންވެސްޓްކުރަން. އެހެންވެ ރާއްޖޭގެ ވިޔަފާރިވެރިންނާ މި ވަދުދުގެ ބޭފުޅުންނާ ބައްދަލުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވުމަށް ޓްރޭޑް މިނިސްޓްރީގައި ވާނީ ދަންނަވާފައި،" ފަޔާޒު ވިދާޅުވި އެވެ.
މީގެއިތުރުން އެސްއީޒެޑްގެ ވިޔަފާރި އަށް ވެސް އެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތުތައް އެ ވަފުދުން މިދަތުރުގައި ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.