އިންޑިއާގެ އާބާދީ ކޮންޓްރޯލްކުރުމަށް އެގައުމުގެ ސްޓޭޓެއް ކަމަށްވާ ޗައްޓިސްގަރުގެ ބިލާސްޕުރް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ހިންގި ކެމްޕެއިނެއްގައި ދަރިން ނުލިބޭ އޮަޕަރޭޝަންކުރި އަންހެނުންތަކެއްގެ ތެރެއިން 13 މީހަކު މަރުވެއްޖެ އެވެ.

އޭބީސީ ނޫހުން އިއްޔެ ބުނި ގޮތުގައި އިންޑިއާގެ އާބާދީ މަދުކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ހިންގި އެ ކެމްޕެއިނުގައި ދަރިން ނުލިބޭ އޮޕަރޭޝަންކުރީ 83 އަންހެނުން ކަމަށާއި އޭގެ ތެރެއިން 13 މީހުން މަރުވެ، 12 ވަރަކަށް މީހުންގެ ހާލަތު ސީރިއަސް ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި އެ ހާދިސާ ދިމާވުމުގެ ސަބަބަކަށް ބެލެވެނީ އެއޮަޕަރޭޝަން ކުރުމަށް ފަހު "އެންޓިބައޮޓިކް" އެއްގެގޮތުން ބޭނުންކުރި ބޭހުގައި ހުރި މައްސަލައަކުން ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

ޗައްޓިސްގަރުގައި ހިންގާފައިވާ އެއޮޕަރޭޝަންތަކަށް ފަހު ދިން "އެންޓިބައޮޓިކް" ބޭސް ސަޕްލައިކުރިީ "މަހާވަރް ފާމަ ޕްރައިވެޓް ލިމިޓެޑް" ކުންފުނިން ކަމަށްވެ އެވެ. އަދި އެބޭހުގައި މައްސަލައެއް އުޅޭކަމަށް ބެލެވޭތީ އެކުންފުނީގެ ޑައިރެކްޓަރު ރަމޭޝް މަހާވަރް އާއި އޭނާގެ ދަރިފުޅު މަކަރު ހެދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

"މަހާވަރް ފާމަ ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ ޑައިރެކްޓަރު ރަމޭޝް މަހާވަރް---

ދަރިން ނުލިބޭ އޮޕަރޭޝަންތައް ކުރި ޑޮކްޓަރު، ޑރ. އާރްކޭ ގުޕްތާ، 83 މީހަކު އޮޕަރޭޝަން ކޮށްފައި ވަނީ އެންމެ ހަ ގަޑިއިރު ތެރޭގައި ކަމަށްވެ އެވެ. އަދި އެއް އޮޕަރޭޝަންކުރާ ޑޮކްޓަރަކަށް (ސާޖަން) ސަރުކާރުން ހުއްދަދީފައި އޮންނަނީ ދުވާލަކު ނުވިހާ 30 އޮޕަރޭޝަންކުރުމަށް ކަމަށާއި ޑރ. ގުޕްތާ ގާނޫނާއި ހިލާފަށް އިތުރު 53 މީހަކު ނުވިހާ އޮޕަރޭޝަން ކޮށްފައި ވާތީ އެޑޮކްޓަރު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ޗައްޓިސްގަރުގެ ފުލުހުން ބުނި ކަމަށް އޭބީސީ ނޫހުން ބުންޏެވެ.
ޗައްޓިސްގަރުގެ ބިލާސްޕުރް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ދަރިން ނުލިބޭ އޮަޕަރޭޝަންކުރި އަންހެނުންތަކެއް އެޑްމިޓްކޮށްފައި---

ޗައްޓިސްގަރުގައި ދިމާވި އެހާދިސާގެ އިތުރު ތަހުގީގުތައް ކުރުމަށް ހަވާލުކޮށްފައިވަނީ ރިޓަޔާޑް ފަނޑިޔާރަކަށް ކަމަށް އެސްޓޭޓްގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެކްސްޕާޓުން ބުނާގޮތުގައި ދަރިން ނުލިބޭ އޮޕަރޭޝަންކުރި އަންހެނުންގެ ތެރެއިން ބަޔަކު މަރުވީ އިންޑިއާގެ ހަލާކުވެފައިވާ އޮތް ސިއްހީ ސިސްޓަމުގެ ސަބަބުންނެވެ.

އިންޑިއާ އަކީ މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ދަރިން ނުލިބޭ އޮޕަރޭޝަން ކޮށްފައިވާ ގައުމުކަމަށް ވެސް އޭބީސީ ނޫހުން ބުނެފައިވެއެވެ. އިންޑިއާގެ އާބާދީ ކޮންޓްރޯލްކުރުމަށް އެގައުމުގެ ސަރުކާރުން ހިންގާ ކެމްޕެއިންތައް އެންމެ ގިނައިން ހިންގާފައިވަނީ ނުކިޔަވާ ތަންދޮރު ނޭނގޭ މީހުން ގިނަ އަވަށްގަނޑުތަކުގައި ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އިންޑިއާގެ ސަރުކާރުން ކުރި ސާވޭއަކުން ދައްކާފައިވާ ގޮތުގައި 2011 ވަަނަ އަހަރާއި 2012 ވަނަ އަހަރު އެކަނިވެސް އެގައުމުގައި 4.6 މިލިއަން އަންހެނުން ދަރިން ނުލިބޭ އޮޕަރޭޝަންކޮށްފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.