15 Nov 2014, 15:02
ބުރާސަފަތި ދުވަހު ކާމިޔާބުކަމާ އެކު ދުންތަރިއަކަށް ތިރިކުރި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ޖައްވީ އުޅަނދު ފިލާއީ އިން އާދަޔާ ހިލާފު ބޮޑު ދެ ކާމިޔާބީއެއް ހޯދައިފި އެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީ އިން ފޮނުވި މީހުންނާ ނުލައި އުދުހޭ އުޅަނދެއް 67ޕީ/ޗުރުޔުމޯވް ގެރާސިމެންކޯ ނަމަކަށް ކިޔާ ދުންތަރިއަށް ޖެއްސުމަށް ފަހު އިއްޔެ ހިންގި ކާމިޔާބު ދެ ހަރަކާތަކީ ދުންތަރި ތޮރުފުމާއި އިތުރުން އިތުރަށް އަވި ލިބިގަތުމަށް ޓަކައި އެނބުރުމެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސައިންސްވެރިން އެ ހަރަކާތް ހިންގީ އުޅަނދު އެފުށް މިފުށަށް ޖެހުމާއި ބެޓްރީގެ ބާރު ދިއުމުގެ ނުރައްކާ ވެސް އޮއްވަ އެވެ.
އެ އެޖެންސީގެ ސައިންސްވެރިން ބުނެފައި ވަނީ ފިލާއީގެ އަސާސީ ބެޓެރީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބާރު ދިއުމުން އެ އުޅަނދަށް ދެން ކަރަންޓް އުފައްދަން ޖެހޭނީ ސޯލާ ޕެނަލްތަކުން ކަމަށެވެ. އަދި ބުނެފައި ވަނީ ދުން ތަރިން ދިރާސާތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ޓަކައި 10 އިންޗީގެ ފުން މިނުގައި ދުންތަރި ތޮރުފަން ޖެހޭނެ ކަމަށެވެ.
ދުންތަރިއަށް އެއްވެސް ބަދަލެއް ނާންނަތާ 4.5 މިލިޔަން އަހަރު ވެފައިވާ ކަމަށް ގަބޫލުކުރެވޭތީ އެއިން ސާމްޕަލް ހޯދުމަކީ ސައިންސްވެރިން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.
ދުންތަރިއަކީ އިރުގެ ނިޒާމް އުފެދުނު ގޮތުގެ އިލްމީ ހަގީގަތްތަކާއި ސިއްރުތައް އެކުލެވޭ އެއްޗެއް ކަމަށް ސައެންސްވެރިން ދެކެ އެވެ. އެހެންކަމުން ދުންތަރީގައި އެކުލެވޭ ހިރަފުހާއި ގަނޑުފެނާއި އަދި ކެމިކަލްގެ އުންސުރުތައް ބަލައި ދިރާސާކުރުމުން، މީގެ ފަސް ބިލިޔަން އަހަރު ކުރިން އުފެދުނު ކަމަށް ބެލެވޭ ދުނިޔެއާއި ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމްގައި ހިމެނޭ އެހެން ޕްލެނެޓްތައް ވެސް އުފެދުނުގެ ގޮތުގެ ވަރަށް ބޮޑު ހަގީގަތްތަކެއް އެނގިގެންދާނެ ކަމަށް ސައެންސްވެރިން އުންމީދުކުރެ އެވެ. މިގޮތުން ދުނިޔޭގެ ކަނޑުތަކުގައިވާ ފެނަކީ ދުންތަރިތަކުގައިވާ ގަނޑުފެނުގެ ބައެއް ކަމަށް ސައެންސްވެރިން ދެކެ އެވެ.
ދުންތަރިއަކީ އިރުގެ ނިޒާމް ގައިވާ ޕްލެނެޓްތައް އުފެދުނު އިރު ޖައްވަށް ބުރައިގެން ދިޔަކަމަށް ބެލެވޭ ހިރަފުހާއި ފެނާއި ކެމިކަލްގެ އުންސުރުތައް އެކުވެގެން އުފެދިފައިވާ ޖިސްމުތަކެއް ކަމާއި ކަވްނުގައިވާ ހަގީގަތްތައް މިޖިސްމުތަކުގައި ފޮރުވިފައިވާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ. އަދި ދުންތަރި އުފެދިފައި ވަނީ ކަވްނުގެ ވަރަށް ދުރު ހިސާބުތަކުގައި ކަމަށާއި ދުންތަރި އިރުގެ ނިޒާމަށް ވަންނަނީ އިރަށް ދަމާބާރުގެ ސަބަބުން ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ. (އޭޕީ)